ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެވަޑައިގަންނަވާފައިވާ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ އެއް ވައުދު ކަމަށްވާ ރާއްޖޭގެ ޤައުމީ އުފެއްދުންތެރިކަން 6 ބިލިއަނުން 12 ބިލިއަން ޑޮލަރަށް ޖެއްސުމުގެ ވައުދުފުޅު ޙަގީގަތަކަށް ހެއްދެވުމަށް ވީއައިއޭ މަޝްރޫޢަކީއެންމެ މުހިންމު މަޝްރޫޢުކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި އިކޮނޮމިކް ޒޯން ތަރައްޤީކުރުމުގެ މަޝްރޫޢު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރަކީ ނާޒުކު ޙާލަތެއްގައި އޮތް ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރަކީ އިޤްތިޞާދީ ސިނާޢަތުގެ މާހިރުންނާއި ފައިނޭންޝިއަލް އެކްސްޕާޓުންގެ ލަފަޔާއި އިރުޝާދާއި އެއްކޮށް ޖެހިގެންދާ ހިސާބަކުން ނެގޭ ވަރުގަދަ ނިންމުމެއް ކަމަށެވެ. މިއީ މުޅިން އާ ޒަމާނަކަށް ރާއްޖެ ގެންގޮސްދޭނެ ހަރުދަނާ ނިންމުމެއް ކަމަށްވެސް މިިނިސްޓަރ ވިދާޅުވިއެވެ.

ރާއްޖޭގެ ޖީޑީޕީ 6 ބިލިއަނުން 12 ބިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަކީ ރައީސްގެ ވައުދުފުޅެއް ކަަމަށާއި މިހާރު ގާތްގަނޑަކަށް 4 ޕަސެންޓްގެ ކުރިއެރުމެއް އައި ކަމުގައިވިޔަސް 12 ބިލިއަނަށް ޖެއްސުމަށް ގާތްގަނޑަކަށް 4 ނުވަތަ 5 މިލިއަން ފަތުރުވެރިން ރާއްޖެ ގެނެވެންޖެހޭކަމަށާއި އެކަންކުރުމަށް ވީއައިއޭ މަޝްރޫޢުއަކީ މުހިއްމު މަޝްރޫޢެއް ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ބެހޭ ވަޒީރު ވިދާޅުވިއެވެ.

ސަޢީދު ވިދާޅުވީ ފަތުރުވެރިކަމާއި އޭވިއޭޝަން ސިނާޢަތުގައި މަސައްކަތްކުރާ ގިނަ ފަރާތްތަކެއްގެ ޝަކުވާ އެބަހުރިކަމަށާއި އެގޮތުން އެއަރލައިންތަކުގެ އެންމެ ބޮޑު ޝަކުވާއަކީ ވީއައިއޭއިން ފިއުލް ގަންނަންލިބޭ އަގު ބޮޑުވުމުގެ ކަންބޮޑުވުންކަމަށެވެ. ފަތުރުވެރިކަމުގެ ސިނާޢަތުގެ ވިޔަފާރިތަކުގެ ކަންބޮޑުވުމަކީ ފަތުރުވެރިންގެ އަދަދު ނިސްބަތުން އިތުރުވީނަމަވެސް، ފަތުރުވެރިން ރާއްޖޭގައި ހޭދަކުރާ މުއްދަތު ދަށްވުމުގެ ކަންބޮޑުވުންތައް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ މަޝްރޫޢުއާއެކު އެއަރލައިންތަކަށް ދޫކުރާ ފިއުލްގެ އަގު ހެޔޮވެގެންދާނެކަމަށާއި، ރާއްޖެއިން ބޭރުކުރާ ކާގޯ އިތުރުވެގެންދާނެކަމަށް މިނިސްޓަރ ސައީދު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ވިޒިޓަރ ބޭސްޑް އިކޮނޮމީއެއް ހަރުދަނާކޮށް ފުޅާކުރުމަށް މަގުފަހިވެގެންދާނެ ކަަމަށާއި ޓްރާންސިޓް މާކެޓެއް ރާއްޖޭގައި އުފެދި ފުޅާވެގެން ދިޔުމަށް މަގުފަހި ވެގެންދާނެ ކަމަށްވެސް ސަޢީދު ވިދާޅުވިއެވެ.