އިނގުރައިދޫ ދާއިރާގެ ހަސަން އަހުމަދު (ހަސަންޓޭ) ޕީއެންސީއަށް ސޮއިކުރައްވައިފިއެވެ.

އެކަން ހާމަ ކުރައްވާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހަސަންޓޭ ވިދާޅުވީ މިއަދުން ފެށިގެން ރައީސުލްޖުމްހޫރިއްޔާ ޑޜ. މުހައްމަދު މުއިއްޒުއާ އެކު ކުރިއަށް ދިޔުމަށް ނިންމާފައިވާ ކަމަށާއި ތެދުވެރިކަމާއި އިހްލާސްތެރިކަމާ އެކު ޕީއެންސީއާއިއެކު ހުންނާނެ ކަމަށެވެ.

މިހާތަނަށް އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގައި ޖުމްލަ 56 މެންބަރުން ތިއްބެވި ނަމަވެސް ހަސަންޓޭ ހިމެނޭހެން ޕީއެންސީއަށް ސޮއި ކުރެއްވި މެމްބަރުންގެ އަދަދު 14 އަށް އެރީއެވެ.

މި 14 މެމްބަރުން އެމްޑީޕީން ޕާޓީން ވަކިވެވަޑައިގަތުމާއެކު، އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލިސް މެންބަރުންގެ އަދަދުވަނީ 42 މެންބަރުންނަށް ތިރިވެފައެވެ.

އެމްޑީޕީން ވަކިވެވަޑައިގެންނެވި ސީދާ ސަބަބެއް ހަސަންޓެ ހާމަ ކުރައްވާފައެއް ނުވެއެވެ.