ހއ.ބާރަށުގައި އަލަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ އިންޖީނުގޭގެ އޮފީސް އިމާރާތުގެ ބިންސާފު ކުރުމުގެ މަސައްކަތް ފަށައިފި ކަމަށް ފެނަކަ ކޯޕަރޭޝަން ބާރަށު އޮފީހުން ވިދާޅުވެއްޖެއެވެ.
އަލަށް ޢިމާރާތްކުރާ އޮފީހުގެ ބިންގައު އަޅުއްވައިފައިވަނީ މިހިނގާ ޖަނަވަރީ މަހުގެ 10 ވަނަ ދުވަހުއެވެ. ބިންގައު އަޅުއްވައިދެއްވީ ފެނަކަ ކޯޕަރޭޝަންގެ އެމް.ޑީ އަޙްމަދު ސަޢީދު މުޙައްމަދާއި ބާރަށު ދާއިރާގެ މެމްބަރ އަޙްމަދު ޢަބްދުﷲ އެވެ.
އޮފީސް ޢިމާރާތް ކުރުމަށް ބޭނުންވާ ބިން އަވަހަށް ނިމި އޮފީސް އެޅުމުގެ މަސައްކަތަށް ފެނަކަވަނީ ތައްޔާރުވެފައެވެ. އެހެންނަމަވެސް ބިން ސާފުކުރަން ހޭދަވާނެ މުއްދަތެއް ބާރަށު ފެނަކަ އޮފީހުން ހާމަކުރައްވާފައެއް ނުވެއެވެ.
ބާރަށަކީ ވެސް 24 ގަޑިއިރު ކަރަންޓު ލިބޭ ރަށެކެވެ. އެ ޚިދުމަތް އިތުރަށް ރަނގަޅު ކުރުމުގެ މަސައްކަތް ފެނަކައިން ގެންދަވަނީ ކުރައްވަމުންނެވެ. އެގޮތުން އެރަށުގެ ވޯލްޓޭޖް ޑްރޮޕްވާ މައްސަލަ އަށް ދާއިމީ ހައްލެއް ގެނައުމަށް ބޭނުންވާ ކޭބަލްތައް މިމަހު 15 ވަނަ ދުވަހު ވަނީ އެރަށަށް ގެންގޮސްފައެވެ.
ފެނަކަ ކޯޕަރޭޝަނުން މިހާރުގެންދަވަނީ ރަށްރަށުގެ އިންޖީނުގެތަކާއި އިންޖީނުގޭގެ އޮފީސް ޢިމާރާތް ކުރުމުގެ ކާމިޔާބު މަޝްރޫޢެއް ހިންގަމުންނެވެ. އެ މަޝްރޫޢުގެ ދަށުން ކުރީގެ އިންޖީނުގެތައް ބަދަލު ކުރަމުން ގެންދަވަނީ މީހުންނަށް އުނދަގޫނުވާ ސަރަހައްދު ތަކަށް ކަމަށް ފެނަކައިން ވަނީ ވިދާޅުވެފައެވެ.
ބާރަށުގެ ބޮޑުމިނުގައި 249 ހެކްޓަރެވެ. އެރަށަކީ އާބާދީގެ ގޮތުން އެއަތޮޅުގައި ފަސްވަނައަށް އެންމެބޮޑު ރަށެވެ.