އަންނަ މާޗުމަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު އާންމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓާއި ދިވެހި ސަރުކާރުގެ ގެޒެޓުގައި ވޯޓާސް ލިސްޓު މިރޭ އާންމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ މި މަހުގެ 21 ގެ ނިޔަލަށް ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 08:30 އިން މެންދުރުފަހު 15:00 އަށެވެ. އަދި ރަސްމީ ބަންދު ދުވަސްތަކުގައި ހެނދުނު 09:00 އިން މެންދުރުފަހު 15:00 ކަމަށާއި ހުކުރު ދުވަހު މެންދުރުފަހު 03:00 އިން ހަވީރު 05:00 އަށް ކަމަށް އީސީއިން ބުންޏެވެ.

ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ މާލެ ފިޔަވައި މީހުން ދިރިއުޅޭ އެހެން ހުރިހާ ރަށަކުން އެ ރަށެއްގެ ކައުންސިލް އިދާރާއިންނާއި އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ އަވަށްތަކުގެ އޮފީސްތަކުންނާއި ކުޅުދުއްފުށި ސިޓީގެ ކައުންސިލް އިދާރާއިން އަދި މާލޭގައިނަމަ ދަރުބާރުގެއިންނެވެ.

މި އިންތިޚާބުގައި މާޗު 17 އަށް 18 އަހަރުފުރޭ 139165 އަންހެނުންނާއި 145162 ފިރިހެނުންނާއެކު ޖުމްލަ 284327 މީހުންނަށް މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބެއެވެ.