ރައްޔިތުންނާ ގާތުން ފުލުހުންގެ ހިދުމަތްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ލ. މާބައިދޫގައި ގާއިމްކުރި ޕޮލިސް ޕޯސްޓް ހުޅުވައި ހިދުމަތް ދޭން ފަށައިފިއެވެ.

މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތުގައި ޕޮލިސް ޕޯސްޓް ހުޅުއްވައި ދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު އާއި ލ. މާބައިދޫ ކައުންސިލްގެ ރައީސް އިބްރާހިމް ވިޝާމްއެވެ. ޕޮލިސް ޕޯސްޓް ހުޅުއްވައި ދެއްވުމަށްފަހު ގައުމީ ދިދަ ނަންގަވައިދެއްވީ މާބައިދޫ ކައުންސިލްގެ ރައީސްއެވެ. އަދި ފުލުހުންގެ ދިދަ ނަންގަވައި ދެއްވީ ކޮމިޝަނަރ އޮފް ޕޮލިސްއެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ދެއްކެވި ވާހަކަފުޅުގައި މާބައިދޫގައި ފުލުހުންގެ ހިދުމަތް ރަސްމީކޮށް ފެށިގެން ދިއުމާއެކު ރަށުގެ ރައްޔިތުންނާއި ފުލުހުން ގުޅިގެން ކުށްވިޔަ ނުދިނުމަށް ހުރި ދޮރުތައް ބަންދުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާނެކަމާމެދު ޝައްކުނުކުރައްވާކަމަށް ވިދާޅުވިއެވެ. އަދި މި ކުޑަ ދިވެހިރާއްޖެއަކީ ހުޅުވިފައިވާ ގައުމަކަށްވުމާއި، އެހެން ގައުމުތަކާ އަޅާބަލާއިރު ކުށް ދައުރުވުން ހަލުވި ގައުމަށްވީނަމަވެސް ރައްޔިތުންނާ ފުލުހުންނާ ގުޅިގެން މަސައްކަތް ކޮށްފިނަމަ ކުށްމަދު އަމާން ގައުމަކަށް މިގައުމު ވެގެންދާނެކަމަށެވެ.

އަދި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް ފުލުހުން ހިދުމަތް މުހިންމުވަނީ މުޖުތަމައުގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަމާއި އަމަން އަމާންކަން ނަގަހައްޓައި ދެމެހެއްޓުމަށް ކުރަންޖެހޭ ކަންކަމާއި ޖިނާޢީ ކުށްކުރުން ހުއްޓުވައި، ތަހުގީގުކޮށް ގާނޫނު ތަންފީޒްކުރުމާއި ގާނޫނު ނެގެހެއްޓުމަށް ބޭނުންވާ ގާނޫނީ ބާރާއި އިހުތިޔާރު ލިބިފައިވާ ފުލުހުންގެ ހިދުމަތެއް ފޯރުކޮށްދިނުމަށްކަމަށް ވިދާޅުވިއެވެ. އެހެންކަމުން މާބައިދޫގައިވެސް ފުލުހުންގެ މަރުކަޒެއް ގާއިމްކުރުމަށް ފުލުހުންގެ ގާނޫނުން ލާޒިމްކުރާކަން ފާހަގަކުރައްވައި، މިއަދު ހުޅުވިގެންދާ މަރުކަޒަކީ އެހުރިހާކަމެއް ޔަގީންކުރުމަށް ހުޅިވިގެންދާނެ ދޮރާޓެއްކަމަށް ވިދާޅުވިއެވެ.

ހަމައެއާއެކު، ފުލުހުންގެ ހިދުމަތް ރައްޔިތުންނަށް ދިނުމުގައި އަމަލުކުރާ މައިގަނޑު އަސާސަކީ މުޖުތަމައުއާ ގުޅިގެން ކުށްވިޔަ ނުދިނުމަށް މަސައްކަތްކުރުންކަމަށާއި ކުށް ފާޅުވުމުގެ ކުރިން ކުށް އުފެދުމަށް ހުރި ހުރަސްތައް ނައްތާލަން މަސައްކަތްކުރުންކަން ފާހަގަކުރައްވައި، ރައްޔިތުންނާ ފުލުހުން ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން އެ ހިދުމަތް ކުރިއަށް އޮތް ފަސް އަހަރަށް ރާވާ، އިންތިޒާމްކުރުމުގެ ތެރެއިން ކުރެވޭ މަސައްކަތުން މާބައިދޫގައިވެސް ފުލުހުންގެ ހިދުމަތް ދެވޭ ގޮތާއި މިންގަނޑުތައް ތަރައްގީ ކުރެވިގެންދާނެކަމަށާއި އެގޮތުން ފުލުހުންގެ ރީޖަންތަކަށް އިތުރު ލާމަރުކަޒީ ބާރުތައް ދިނުމާއި ފުލުހުން އިތުރަށް ހަރުދަނާކުރުމާއި އިތުރު ފަންނީ ވަސީލަތްތައް ގާއިމްކޮށްދިނުމާއި ކައުންސިލާއި ރައްޔިތުންނާއި ފުލުހުން ގުޅިގެން ކުށްމަދު މުޖުތަމައުއެއް ގާއިމްކުރުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާކުރުން ހިމެނޭކަމަށް ވިދާޅުވިއެވެ.

މާބައިދޫ ޕޮލިސް ޕޯސްޓް ހުޅުއްވައި ދެއްވުމަށްފަހު، ކޮމިޝަނަރ އޮފް ޕޮލިސް ވަނީ ޕޮލިސް ޕޯސްޓް ބައްލަވާލައްވާފައެވެ. ޕޮލިސް ޕޯސްޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ސައުތު ސެންޓްރަލް ޕޮލިސް ރީޖަންގެ ކޮމާންޑަރު އެސިސްޓަންޓް ކޮމިޝަނަ އޮފް ޕޮލިސް ޙުސައިން ރަޝީދު އާއި ސީނިއަރ ބައެއް އޮފިސަރުންނާއި ލ. މާބައިދޫ ކައުންސިލްގެ ރައީސް އިބްރާހިމް ވިސާމު އާއި އެރަށު ކައުންސިލް މެމްބަރުންނާއި ލ. އަތޮޅު ކޮމާންޑަރ އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުލްޙަފީޘް އިބްރާހިމް އާއި ރަށުގައި ހުރި މުއައްސަސާތަކުގެ ވެރިން ބައިވެރިވެލެއްވިއެވެ.