އިޒްރޭލުގެ އަމަލުތަކަކީ "ސެލްފް ޑިފެންސް" އެއް ނޫން ކަމަށާއި އެއީ ގަތުލުއާއްމު ކަމަށް ދެކުނު އެފްރިކާގެ އިންޓަނޭޝަަނަލް އޯގަނައިޒޭޝަންސްއާއި ހަވާލުވެ ހުންނެވި ތަރުޖަމާނު ރަޕުލާނޭ ސިދްނީ މޮލެކާނޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނނު މިހެން ވިދާޅުވީ ރަޝިޔާގެ ނިއުސް އޭޖެންސީ "ޓާސް" އަށް ދެއްވި އިންޓަވިއު އެއްގައެވެ. މި އިންޓަވިއުގައި އޭނާ ވިދާޅުވީ އޮކްޓޫބަރު 7 ގައި ހިނގި ހާދިސާއަށް ފަހު އިޒްރޭލުން ޣައްޒާއާއި މެދު އަމަލު ކުރަމުންދާ ހަރުކަށި އުސޫލުތަށް ބަލައި ނުގަނެވޭނެ ކަމަށް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުގައި ދެކުނު އެފްރިކާއިން ގޮވާލައިފައި ވާނެ ކަމަށެވެ.

"އޮކްޓޫބަރު 7 ގެ ފަހުން އަޅުގަނޑުމެންނަށް މި ފެންނަނީ، ސިއްހީ ވަސީލަތްތަކާއި، ސްކޫލްތަކާއި، ރެފިއުޖީ ކޭމްޕްތައް ފަދަ މުހިންމު އިންފްރާސްޓްރަކްޗަރތައް ހިމެނޭ ގޮތަށް، މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ތަފާތުކުރުމެއް ނެތި ބޮންގިއްވަމުން ދާތަން، ގިނަބަޔަކު ކާބޯތަކެތީން މަހްރޫމް ކޮށްފައިވާތަން، މީ "ސެލްފް ޑިފެންސް" އެއް ނޫން! ގަތުލު އާއްމެއް!" މޮލެކާނޭ ވިދާޅުވިއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިސްރާއީލުގެ އަނިޔާވެރިކަމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 23،700 އަށް ވަނީ އަރައިފައެވެ. ޒަޚަމްވި މީހުންގެ އަދަދަކީ 60،000 މީހުންނެވެ. މީގެ ތެރެއިން 70 އިންސައްތަ ހިއްސާކުރަނީ ކުޑަކުދިންނާއި އަންހެނުންނެވެ.