އިންފްލެއެންޒާގެ ވައްތަރެއް ކަމަށްވާ އެޗްވަން އެންވަން ޖެހިގެން ރާއްޖެއިން އެކަކު މަރުވެ ތިން މީހަކު ވެންޓިލޭޓަރުގައި ފަރުވާދެމުންދާ ކަމަށް ޑރ. މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.

އައިޖީއެމްއެޗްގައި މަސައްކަތް ކުރައްވާ އެތެރެހަށީގެ ޑޮކްޓަރ މުހައްމަދު އަލީ މިކަން ހާމަކޮށްފައި ވަނީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓުގައި ވިދާޅުވީ ރާއްޖޭގައި "އޭ އެޗް1 އެން1" ފެތުރޭތާ ހަފުތާތަކެއް ވެފައިވާ ކަމަށެވެ. އެ ބަލި ޖެހުމުގެ ސަބަބުން ނިއުމޯނިއާއަށް ހުށަހެޅުނު ތިން މީހަކަށް ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިންފްލެއެންޒާ ފެތުރުނު ނަމަވެސް، ޕެންޑަމިކަކަށް ބަދަލުވުން ދުރު ކަން ފާހަގަކުރައްވައި ޑޮކްޓަރ ވިދާޅުވެފައިވަނީ އިންފްލުއެންޒާ ޖެހި ފުރާނައަށް ނުރައްކާވާ ހިސާބަށް ދިއުމުގެކުރިން ރައްކާތެރިވުމަށް، ވެކްސިން ޖެހުން މުހިންމު ކަމަށެވެ.