ރާއްޖޭގެ ފަތުވާ ނިޒާމު ހަރުދަނާކުރަން އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އާ އެކީ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދެވެ. އަދި އޯއައިސީގެ އިންޓަނޭޝަނަލް އިސްލާމިކް ފިޤުހު އެކަޑަމީގެ ފަރާތުން ސޮއިކުރެއްވީ ކުތުބު މުސްތަފާ ސާނޫއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވިގޮތުގައި މި އެއްބަސްވުމުގެ މަގްސަދަކީ ފަތުވާގެ ނިޒާމު ހަރުދަނާކުރުމާއި، ދިވެހިރާއްޖޭގެ އިސްލާމީ ފަތުވާ މަޖިލީސް ހަރުދަނާކުރުމާއި، ސައިންޓިފިކް ޙައްލުތައް މެދުވެރިކޮށް ޒަމާނީ ފިޤުހުގެ މައްސަލަތައް ގުޅިގެން ހައްލުކުރުން ކަމަށެވެ.

އޯއައިސީގެ އިންޓަނޭޝަނަލް އެކަޑަމީ އޮފް އިސްލާމިކް ފިޤުހު އަކީ ޖިއްދާގައި ހުންނަ ދުނިޔޭގެ އެންމެ އިސް އިސްލާމީ ސައިންޓިފިކް ކައުންސިލެވެ.