ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ކާގޯ ޓަރމިނަލް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް ހުޅުވައިފިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ކާގޯ ޓަރމިނަލް ރަސްމީކޮށް ހުޅުއްވައިދެއްވާފައި ވަނީ ވީއައިއޭ ގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ރައީސްގެ އިތުރުން ސަރުކާރުގެ ބައެއް އިސްވެރިންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ކާގޯޓާމިނަލް ހުޅުއްވައި ދެއްވުމަށް ފަހުގައި ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު ވަނީ، އެޓާމިނަލްގެ ޚިދުމަތްތަކާއި އިންތިޒާމްތައް ހަމަޖެހިފައި ހުރިގޮތް ބައްލަވާލައްވާފައެވެ.

މިއަދު ހުޅުވި މިކާގޯ ޓާމިނަލްއަކީ ކުރިން ބޭނުން ކުރަމުން އައި ކާގޯ ޓާމިނަލްއަށް ވުރެ 222 އިންސައްތަ ބޮޑު ޓަރމިނަލެކެވެ. އައު ކާގޯ ޓާމިނަލުގެ ބޮޑު މިނަކީ، 11628.90 އަކަ މީޓަރަވެ. ކުރިން ބޭނުން ކުރަމުން އައި ޓަރމިނަލަކީ، 8514 އަކަމީޓަރުގެ ޓަރމިނަލެކެވެ.

2018 ވަނަ އަހަރުގެ ޖަނަވަރީ މަހު މިޓާމިނަލްގެ މަޝްރޫއު އިފްތިތާހު ކޮށްދެއްވައި ބިންގާ އަޅުއްވައިދެއްވީ މިހާރުގެ އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައިދެވެ.