މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ދެމުންދާ ކާގޯގެ ހިދުމަތް ފަސޭހަކޮށް އަވަސްވާނެހެން އޮންލައިން ކާގޯ އެޖެންޓް ޕޯޓަލް ތައާރަފްކޮށްފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އައު ކާގޯ ޓާމިނަލް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ގެނެސްދިން ހާއްސަ ރިޕޯޓުގައެވެ.

އެ ރިޕޯޓުގައި ހާމަކޮށްފައިވާ ގޮތުގައި އަލަށް ތައާރަފް ކުރެވުނު މި ޕޯޓަލް އާއެކު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން މިހާރު ދެމުންދާ ކާގޯގެ ހިދުމަތްތައް ފަސޭހަކަމާއެކު ކާގޯ އެޖެންޓުންނަށް ލިބިވަޑައިގަންނަވާނެ ކަމަށެވެ.

އާ ކާގޯ ޓާމިނަލް ޒަމާނާ އެއްގޮތަށް އެންމެ ޒަމާނީ ފެންވަރު ރަނގަޅު ވަސީލަތްތަކާއި ސާމާނާއެކު ހުޅުވާފައިވާއިރު، މިހުރިހާ ހިދުމަތްތަކާއެކު އާ ކާގޯ ޓާމިނަލް މިއަދު ހުޅުވިގެންދާއިރު ވީއައިއޭ ހިދުމަތް މިހާރަށްވުރެ ތަރައްގީކޮށް ޒަމާނީ އާ ހިދުމަތްތައް ތައާރަފް ކުރުމަށް މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ޒައާމަތުގައި ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މިއަދު ހަވީރު ބޭއްވި މި ރަސްމިއްޔާތުގައި ރަސްމީކޮށް ކާގޯ ޓާމިނަލް ހުޅުއްވައި ދެއްވުމަށް ފަހުގައި ރައީސް ޑރ. މުޢިއްޒު ވަނީ، އެ ޓާމިނަލްގެ ޚިދުމަތްތަކާއި އިންތިޒާމުތައް ހަމަޖެހިފައި ހުރިގޮތް ބައްލަވައި ލައްވާފައެވެ.

މިއަދު ހުޅުވި މިކާގޯ ޓާމިނަލްއަކީ ކުރިން ބޭނުން ކުރަމުން އައި ކާގޯ ޓާމިނަލްއަށް ވުރެ 222 އިންސައްތަ ބޮޑު ޓަރމިނަލެކެވެ. އައު ކާގޯ ޓާމިނަލުގެ ބޮޑު މިނަކީ، 11628.90 އަކަ މީޓަރަވެ. ކުރިން ބޭނުން ކުރަމުން އައި ޓަރމިނަލަކީ، 8514 އަކަމީޓަރުގެ ޓަރމިނަލެކެވެ.