ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް މަޝްރޫޢަކީ އިންޑިއާ ކަނޑުގެ ސަރަޙައްދުގައިވެސް، ކަނޑެއް ހުރަސްކޮށް ކުރިއަށްގެންދިޔަ މިފަދަ އެންމެ ބޮޑު އަދި އެންމެ "ޗެލެންޖިން" ނުވަތަ ގޮންޖެހުންތައް ގިނަ މަޝްރޫޢުކަމަށް, އެ މަޝްރޫޢު ކުރިއަށް ދިޔައިރު ހައުސިންގ މިނިސްޓަރު ކަން ކުރެއްވި، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އެޤައުމުގެ "ސީޖީޓީއެން" ޓީވީ ޗެނަލަކަށް ދެއްވި ޚާއްސަ ބަސްދީގަތުމެއްގައި ރައީސް ވިދާޅުވީ ރާއްޖޭގައި މިހާތަނަށް ކުރިއަށްގެންދެވި އެންމެ ބޮޑެތި މަޝްރޫޢުތައް ކުރިއަށް ގެންގޮސްފައިވަނީ ޗައިނާގެ އެހީގައި ކަމަށެވެ.
އަދި މަޝްރޫޢު ތަކުގެ ފައިދާ ދިވެހިރައްޔިތުންނަށް މިހާރުވެސް ކުރަމުންދާކަން ފާހަގަކުރައްވައި މިސާލެއްގެ ގޮތުން އެމަނިކުފާނު ވަނީ ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ދަށުން ކުރިއަށްގެންދިޔަ ޗައިން މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ފާހަގަކުރައްވާފައެވެ. އެމަނިކުފާނު ވަނީ އެއު "ލޭންޑް މަރކް،" މަޝްރޫއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
ޕްރޮފެޝަނަލް އިންޖިނިއަރެއްގެ ޙައިސިއްޔަތުންވެސް އެ މަޝްރޫޢުގެ މަސައްކަތުގައި ބައިވެރިވެ ވަޑައިގެންނެވި، ރައީސް މުޢިއްޒު ވަނީ، އިންޖިނިއަރިންގެ ގޮތުން ބަލާއިރުވެސް، އެއީ އިންޑިއާ ކަނޑުގެ ސަރަޙައްދުގައި ހިމެނޭ ޤައުމެއްގައިވެސް ކުރިއަށްގެންދިޔަ މިފަދަ އެންމެ ބޮޑު މަޝްރޫޢުކަން ފާހަގަކުރައްވާފައެވެ.
"ތިމާވެށީގެ ގޮތުން ބަލާއިރު ވަރަށް އުނދަގޫ ތަނެއްގައި ބްރިޖް އަޅާފައި މިވަނީ. އެތައް ދިރާސާއެއް ކުރަންޖެހުނު. ބިންގަނޑުގެ 110 މީޓަރު އަޑިއަށް ތަނބު ވަނީ ޖަހާފައި. ސަރަޙައްދުގެ ކަނޑުގެ ފުންމިން 45 މީޓަރު. އެހެންވީމަ 150 މީޓަރުގެ ޕައިލްތައް އެބަހުރި ޖަހާފައި." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސިނަމާލެ ބުރިޖުގެ މަސައްކަތަކީ ރައީސް ޔާމީންގެ ވެެރިކަމުގައި 210 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހެދި ބުރިޖެކެވެ. އޭގެ ތެރެއިން 126 މިލިއަން ޑޮލަރަކި ޗައިނާ ސަރުކާރުގެ ހިލޭ އެހީއެވެ. އަދި ބުރިޖުގެ މަސައްކަތް ބެލެހެއްޓެވީ ޑރ. މުއިއްޒެވެ. ބްރިޖުގެ މަސައްކަތް އެއްކޮށް ނިންމާލައި ހުޅުވާފައި ވަނީ، 2018 ވަނައަހަރުގެ އޮގަސްޓުމަހު 30 ވަނަ ދުވަހުގެރޭ ގައެވެ.