އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް ފާތިމަތު މީޒާ އާދަމް އައްޔަނު ކޮށްފިއެވެ.

ފާތިމަތު މީޒާ އާދަމް މި މަގާމަށް އައްޔަންކޮށްފައިވާކަން ހާމަކޮށް، އެސްޑީއެފްސީން ވަނީ އޭނާއަށް މިއަދު މަރުހަބާ ކިޔައިފައެވެ.

ޔުނިވާސިޓީ އޮފް ވެސްޓް އިންގްލޭންޑުން މާސްޓާ އޮފް ބިޒްނަސް މެނޭޖްމަންޓް (އެމްބީއޭ) އާއި އެކައުންޓިން އަދި ފައިނޭންސްގެ ދާއިރާއިން ޔުނިވާސިޓީ އޮފް ކޮލަމްބޯ އިން ފުރަތަމަ ޑިގްރީ ހާސިލްކުރައްވާފައިވާ މީޒާ މިމަގާމަށް އައްޔަނު ކުރުމުގެ ކުރިން ހުންނެވީ ދިވެހި އިންވެސްޓްމަންޓް ޕާޓްނާސްގެ ކޯޕަރޭޓް އެފެއާސް މެނޭޖަރެއްގެ ގޮތުގައެވެ. އޭގެ ކުރިން މީޒާ މަސައްކަތް ކުރައްވާފައި ވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސީނިއާ ކްރެޑިޓް އޮފިސަރެއްގެ ގޮތުގައެވެ.

އާ ސަރުކާރެއް ފެށުމާއެކު، ސަރުކާރުގެ ކުންފުނިތަކަސް ވެރިން އައްޔަންކުރަމުން އަންނައިރު، އެސްޑީއެފްސީގެ އެމްޑީގެ މަގާމަށް އާ ބޭފުޅަކު އައްޔަނުކޮށްފައެއް ނުވެއެވެ. މީޒާ މިމަގާމަށް އައްޔަނުކުރުމުގެ ކުރިން، އައު ސަރުކާރު އައި ފަހުންވެސް، އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވީ ކުރީ ސަރުކާރުން އައްޔަނުކުރި، އަހުމަދު ޒީނާދެވެ.

އެސްޑީއެފްސީ ގާއިމު ކޮށްފައި ވަނީ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ފަސޭހައިން ލޯނު ލިބޭނެ މަގެއް ހަމަޖައްސަވައިދެއްވުމުގެ ގޮތުންނެވެ.