ސީރިޔާ ހަނގުރާމައިގައި ބައިވެރިވާން ދިޔަ ދިވެހި ފަސް އާއިލާއެއްގެ އެކާވީސް މީހުން ރާއްޖެ ގެނެސްފައިވާ ކަމަށާއި އޭގެ ތެރޭގައި އުމުރު ހަމަނުވާ 15 ކުޑަކުދިން ހިމެނޭކަމަށް ދާހިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މިކަން ހާމަކުރައްވާފައި ވަނީ އެ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މި ނޫސްވެރިިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވަޒީރު އަލީ އިހުސާން ވިދާޅުވީ ދުނިޔޭގައި "ކާކުކަން ދެނެގަތުމަށް" ހަދާ އެންމެ އިތުބާރު ކުރެވޭ، އެންމެ ޔަގީންކަން ބޮޑު، 'ޑީއެންއޭ' ހެދުމަށް ފަހު ސީރިޔާއިން މިއަދު ގެނައި 21 މީހުންނަކީ ދިވެހިންކަން ކަށަވަރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރޭގައި 15 ކުޑަކުދިން ހިމެނެއެވެ. ވަޒީރު އަލީ އިހުސާން ވިދާޅުވީ ޑީއެންއޭ ހެދުމަށްފަހު އެ ކުދިންނަކީ ފަސް އަންހެނަކަށް ލިބިފައިވާ ދަރިން ކަން ވަނީ ޔަގީންކުރެވިފައި ކަމަށެވެ. މީގެ އިތުރުން ދިވެހި ފިރިހެނެއްވެސް މިއަދު ވަނީ ރާއްޖެ ގެނެސްފައެވެ.
ވަޒީރު އަލީ އިހުސާން ވިދާޅުވީ ދިވެހިން ކަމަށް ބެލެވޭ ސަތޭކަ އަށް ވުރެ ގިނަ މީހުން ހަނގުރާމަވެރި ސަރަހައްދުތަކުގައި ތިބި ކަމުގެ މައުލޫމާތު ވުޒާރާ އަށް ލިބިފައިވާކަން ފާހަގަ ކުރައްވައި ވަޒީރު އަލީ އިހުސާން ވިދާޅުވީ ނުވަދިހަ އަށް ވުރެ ގިނަ މީހުންނަކީ އެކި ގޮތް ގޮތުން ވާހަކަ ދެކެވި އަނބުރާ ރާއްޖެ އައުމަށް ބޭނުންވެފައި ތިބި މީހުން ކަމަށެވެ.
2022 ވަނަ އަހަރު ސީރިޔާ އާއި ތުރުކީ ގުޅޭ ބޯޑަރުގައި ހާލުގައި ޖެހިފައި ތިބި ދިވެހި ފަސް އާއިލާއެއް އަނބުރާ ރާއްޖެ އައުމަށް ބޭނުންވާ ކަމުގެ މައުލޫމާތު ލިބުނީ 2022 ވަނަ އަހަރު ތެރޭގައެވެ. މިމައުލޫމާތު ލިބުމާއެކު ދިވެހި ފުލުހުންނާއި ނެޝަނަލް ރީ އިންޓަރގްރޭޝަން ސެންޓަރާ ގުޅިގެން އެއީ ދިވެހިންތޯ ކަށަވަރު ކުރިކަމަށެވެ. އެ ސަރަހައްދަށް ގޮސް އެސެސްމަންޓް ހަދައި، ޑީއެންއޭ އިން އެއީ ދިވެހިންކަން ކަށަވަރުކޮށް ޔަގީން ކުރެވުނުކަމަށްވެސް އަލީ އިހުސާން ވިދާޅުވިއެވެ.
"އޭގެ ތެރޭގައި ހިމެނެނީ 21 މީހެއް، ފަސް އާއިލާއަކަށް ނިސްބަތްވާ. އޭގެ ތެރޭގައި 15 ކުޑަކުދިންނާއި ހަ ބޮޑެތި މީހުން ހިމެނޭ. އެ ހަ މީހުންގެ ތެރޭގައި ފަސް މީހުންނަކީ އަންހެނުން. ދެން ފިރިހެނެއް. 18 އަހަރު ނުފުރޭ ހުރިހާ ކުދިން ވެސް ނިސްބަތްވަނީ މި ފަސް އަންހެނުންނަށް. މީގެތެރެއިން ޑީއެންއޭގެ ޒަރިއްޔާ އިން ކަށަވަރު ކުރެވުނީ އެ ކުދިންގެ މަންމައިންނަކީ ފަސް މީހުން ކަން." އިހުސާން ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ ދިވެހިންކަން ކަށަވަރުވި ހިސާބުން އެ ހުރިހާ އެންމެން ރާއްޖެ ގެނައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން މި މީހުން ރާއްޖެ ގެނައުމަށް ހާއްސަ މަސައްކަތްތަކެއް ކުރެވުނު ކަމުގައި އިހުސާން ވިދާޅުވިއެވެ. އެގޮތުން މިކަމަށް ބޭނުންވާ ފަންޑު ހޯދައި ހާއްސަ ފްލައިޓެއް 15 މީހުންގެ ޓީމަކާ އެކުގައި މިދިޔަ އާދިއްތަ ދުވަހު ތުރުކީ އަށް ފޮނުވާލި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި މީހުން ރާއްޖެ ގެނެސް ހިންމަފުށީގައި ހަދާފައިވާ ރިހެބިލިޓޭޝަން ސެންޓަރަށް ގެންގޮސްފައިވާއިރު، އިހުސާން ވިދާޅުވީ ހިންމަފުށީ ރީއިންޓަގްރޭޓަޑް ސެންޓަރު ހަދާފައިވާނީ ވަކި ވަކިން އާއިލާތަކަށް އަދި މީހުންނަށްވެސް ވަކިން ފަރުވާ ދެވޭ ގޮތަށް ކަމަށެވެ. އެސެސްމަންޓްތައް ހެދުމަށްފަހު އެކަށީގެންވާ ފަރުވާތައް ދެވިގެން ދާނެ ކަމަށް އިހުސާން ވިދާޅުވިއެވެ.
އިހުސާން ވިދާޅުވީ ހަނގުރާމައިގެ މައިދާންތަކުގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް ކުރާ ކަމަށާއި، ހަނގުރާމަތަކަށް ދިވެހިން ދިއުން ހުއްޓުވުމަށްވެސް ސަރުކާރުން މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.