އެމެރިކާގެ ކުންފުންޏެއް ކަމަށްވާ މޮޑަނާއިން ޔޫރަޕަށް ފޯރުކޮށްދޭން ވައުދުވި ކޮވިޑް-19 ވެކްސިން ޔޫރަޕަށް ލިބުންވެސް ފަސްވެއްޖެއެވެ.

މީގެކުރިން، އެ މައްސަލަ ދިމާވީ، އެމެރިކާގެ ފައިޒަރގެ އިތުރުން، ޔޫކޭގެ އެސްޓްރަޒެނެކާއަށެވެ.

މޮޑަނާއިން ބުނީ، ޔޫރަޕްގެ އިތުރުން، ދުނިޔޭގެ އެހެން ހިސާބުތަކަށް ވެކްސިން ފޯރުކޮށްދޭން ކުރިން އެއްބަސްވެފައި ވީނަމަވެސް، ވެކްސިން އުފެއްދޭނޭ ކަމަށް ކުރިން ލަފާކުރި މިންވަރަށް ނުއުފެއްދޭތީ، ލަސްތަކެއް ދިމާވާނެ ކަމަށެވެ.

އެހެންވެ، ޔޫރަޕާއި އަދި ދުނިޔޭގެ ހިސާބުތަކަށް ވެކްސިން ފޯރުކޮށްދޭން ކުރިން އެކަށައެޅި ޑެލިވަރީ ގައިޑެންސް މިހާރު އިސްލާހްކޮށްފައި ވާނޭ ކަމަށް މޮޑަނާއިން މިއަދު ބުނެފައި ވެއެވެ.

މޮޑަނާއިން ތަރައްގީކުރި ވެކްސިން އުފައްދަނީ ސްވިޒަރލޭންޑްގެ ލޯންޒާ ނަމަކަށްކިޔާ ކުންފުންޏަކުންނެވެ.

މޮޑަނާގެ ވާހަކަތަކާ ގުޅިގެން، ޔޫރަޕްގެ ގައުމުތައް ކަމަށްވާ އިޓަލީ، ފްރާންސް އަދި ސްވިޒަރލޭންޑުން ވަނީ، ފެބްރުއަރީމަހު ލިބޭނޭ ކަމަށް ކުރިން ލަފާކުރި ވެކްސިން ޝިޕްމަންޓްތައް ދެން ނުލިބޭނޭ ކަމަށް ބުނެފައެވެ.

އެމެރިކާގެ ފައިޒަރއާއި، ޖަރުމަނުގެ ބަޔޯއެންޓެކް ގުޅިގެން އުފެއްދި ވެކްސިނާއި، އަދި އެސްޓްރަޒެނެކާގެ ވެކްސިން ޔޫރަޕަށް ފޯރުކޮށްދިނުމުގައި ލަސްތަކެއް ދިމާވާނެކަމަށް އެ ކުންފުނިތަކުންވެސް ހާމަކޮށްފައިވަނީ، ވެކްސިން އުފެއްދުމުގެ މަސައްކަތަށް ދިމާވެފައިވާ މައްސަލަތަކެއްގެ ސަބަބުންނެވެ.

އެސްޓްރަޒެނެކާއާއި ޔޫރަޕިއަން ޔޫނިއަން މިހާރުވެސް އަރާރުމެއްގެ ތެރޭގައި އުޅޭއިރު، މައްސަލަ ހައްލުކުރުމަށް ވާހަކަވެސް ގެންދަނީ ދައްކަމުންނެވެ.

ކޮވިޑް-19 ވެކްސިން ހޯދުމަށް ޔޫރަޕިއަން ޔޫނިއަނުން ގަދައަޅައި މަސައްކަތް ކުރަމުން ގެންދާއިރު، މިހާތަނަށް ހުއްދަދީފައިވާ ފައިޒަރ-ބަޔޯއެންޓެކް، މޮޑަނާ، އެސްޓްރަޒެނެކާގެ ވެކްސިން ގަތުމަށް ދުނިޔޭގެ މުއްސަނދި ގައުމުތަކުންވެސް ގެންދަނީ ވާދަވެރި މަސައްކަތްތަކެއް ކުރަމުންނެވެ.

ދުނިޔޭގެ މުއްސަނދި ގައުމުތަކުގެ އަމަލުތައް ހުރިގޮތުން، މެދުފަންތީގެ އާމްދަނީ ލިބޭ ގައުމުތަކާއި، ފަގީރު ގައުމުތަކަށް އަވަސް މަގަމުން ވެކްސިން ލިބިދާނެ ކަމަށް ކުރެވޭ އުންމީދުތައް ދަނީ ފަނޑުވަމުންނެވެ.

ނަމަވެސް، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ގެންދަނީ އެކަން އެހެން ވިޔަނުދިނުމަށް މަސައްކަތް ކުރަމުންނެވެ.