އިންޑިއާ އިން ސޯޝަލް މީޑިއާގައި ކުރިއަށް ދިޔަ ބޮއިކޮޓް މޯލްޑިވްސް ގެ ހަރަކާތުގެ ސަބަބުން އެ ގައުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މަދު ނުވާ ކަމަށް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އިން ބުނެފި އެވެ.
މަޓާޓޯ އިން މިފަދައިން ބުނީ އިންޑިއާ އިން ރާއްޖެ އަންނަ ފަތުރުވެރިން ބުކިން ކެންސަލްކުރި މިންވަރު ބެލުމަށްޓަކައި ކުރި ސާވޭގެ ނަތީޖާ ހިއްސާ ކުރަމުންނެވެ.
މިގޮތުން މަޓާޓޯ އިން ބުނީ 2020 ވަނަ އަހަރުން ފެށިގެން ރާއްޖެ އަށް އިންޑިއާ އިން ފަތުރުވެރިން ޒިޔާރަތް ކުރުން އިތުރުވި ކަމަށާއި 2022 ވަނަ އަހަރާއި 203 ވަނަ އަހަރު ނިމުނު އިރު އިންޑިއާ އަކީ ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރާ ގައުމު ތަކުގެ ތެރޭގައި ހިމެނޭ ގައުމެއް ކަމަށެވެ.
މަޓާޓޯ ގެ ސާވޭ އިން ދައްކާގޮތުގައި ރާއްޖެއަށް އިންޑިއާއިން 2020 ވަނަ އަހަރު 62،690 ފަތުރުވެރިން ޒިޔާރަތްކުރިއިރު 2021 ވަނަ އަހަރު 292،000 ފަތުރުވެރިން ޒިޔާރަތްކުރި އެވެ. 2022 ވަނަ އަހަރު އިންޑިއާއިން 241،000 ފަތުރުވެރިން އަދި 2023 ވަނަ އަހަރު 209،100 ފަތުރުވެރިން ޒިޔާރަތްކުރި އެވެ.
މީގެ އިތުރުންވެސް މަޓާޓޯ އިން ބުނީ ބުކިން ތައް ކެންސަލް ކޮށްފައިވީ ނަމަވެސް މިއީ އިންޑިއާ ފަތުރުވެރިންގެ ޕީކް ސީޒަން ނޫންކަމަށާއި ފާއިތުވި އަހަރުތަކުގައި ވެސް މިދުވަސްވަރު އިންޑިއާ ފަތުރުވެރިންގެ އަދަދު ދަށްވާކަމަށެވެ.