މާލެ ސިޓިގެ މޭޔަރު ކަމަށް އަލަށް އިންތިޚާބުވެވަޑައިގެންފައިވާ އާދަމް އާޒިމް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު އަންނަ ހޯމަ ދުވަހު ބޭއްވުމަށް ނިންމަވައިފިއެވެ.

މިކަން އިޢުލާން ކުރެއްވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު އުމަރެވެ.

ކޮންމެ ސިޓީ ކައުންސިލެއްގެ މޭޔަރު އިންތިޚާބަކީ މުހިންމު އިންތިޚާބެއް ކަމަށާއި މޭޔަރު ހުވާކުރުމުގެ ރަސްމިއްޔާތު ކުލަގަދަކޮށް ބޭއްވުމަށް ނިންމަވާފައިވާ ކަމަށް ވިދާޅުވިއެވެ.

ވަޒީރު އާދަމް ޝަރީފް ވިދާޅުވީ، މާލެ ސިޓީ މޭޔަރު އަދި މާލެ ސިޓީ ކައުންސިލަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި 3 މެންބަރުން ހުވާކުރުމުގެ ރަސްމިއްޔާތު އޮންނާނީ މިމަހުގެ 22 ވާ ހޯމަ ދުވަހުގެ ރޭ ދަރުބާރުގޭގައި ކަމަށެވެ. މި ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މާލޭގެ އައު މާޔަރާއި، ކައުންސިލަށް އަލަށް އިންތިޚާބުވި މެންބަރުންނާއެކު ގުޅިގެން މަސައްކަތް ކުރެވޭނެކަމަށް އުއްމީދު ކުރައްވާކަމަށް އާދަމް ޝަރީފު ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލް މޭޔަރާއި، މާފަންނު ދެކުނު ދާއިރާއާއި، މެދު ހެންވޭރު ދާއިރާއާއި ހެންވޭރު ދެކުނު ދާއިރާގެ ބައި-އިލެކްޝަން ބޭއްވީ މިދިޔަ ހޮނިހިރު ދުވަހުއެވެ. މާލެ ސިޓީގެ މޭޔަރު ބައި-އިލެކްޝަން، އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް ކާމިޔާބު ކުރެއްވީ 7621 ވޯޓުންނެވެ. އެއީ އެ އިންތިޚާބުގައި ވޯޓުލީ މީހުންގެ 44.81 އިންސައްތައެވެ.