އެކިއެކި ސަބަބުތަކަށްޓަކައި ހިމަތުން ދުރުވެފައިވާ ސިއްހީ ހިދުމަތްތެރިން، އަނބުރާ ޚިދުމަތަށް ނުކުތުމުގެ މަގު ތަނަވަސްކޮށްދިނުމަށް ވޭޖް އުޞޫލުން މަސައްކަތްކުރެވޭނެ ގޮތްތަކަށް ވަޒީފާ ހަމަޖެއްސުމަށް ކަނޑައަޅުއްވާފައިވާ ހާއްސަ އުސޫލު، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ހުސައިން މުހައްމަދު ލަޠީފް އިފުތިތާހު ކޮށްދެއްވައިފިއެވެ.
އެމަނިކުފާނު މި ހާއްސަ އުސޫލު އިފުތިތާޙު ކޮށްދެއްވީ އެކަމަށްޓަކައި މިއަދު ހެނދުނު މިނިސްޓްރީ އޮފް ހެލްތުގައި ކުރިއަށްދިޔަ ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
މިނިސްޓްރީ އޮފް ހެލްތާއި ސިވިލް ސަރވިސް ކޮމިޝަން ގުޅިގެން އެކުލަވާލާފައިވާ މި އުޞޫލުގެ ދަށުން ޚިދުމަތުން ދުރުވެފައިވާ ޞިއްޙީ ޚިދުމަތްތެރިން އަނބުރާ ޚިދުމަތަށް ނެރުމަށް މަގުފަހި ކޮށްދިނުމަށްޓަކައި، އެފަރާތްތަކުގެ ދަފުތަރެއް މިނިސްޓްރީގައި އެކުލަވާލައި، އެފަރާތްތައް ވޭޖް އުޞޫލުން ވަޒީފާއަށް ނެރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ސަރުކާރުން ބުނެއެވެ.
މިގޮތުން އާންމު އުސޫލުން މުވައްޒަފުންނަށް ވަޒީފާ ހަމަޖެއްސުމުގެ ބަދަލުގައި، އިޢުލާނެއް ނެތި، ދަފުތަރުގައި ރެޖިސްޓްރީކުރާ ޞިއްޙީ ޚިދުމަތްތެރިންގެ ތަޢުލީމާއި، ތަޖުރިބާއާއި ހުނަރަށް ބަލައި، މެރިޓް އުސޫލުން "ސިއްހީ ދާއިރާއަށް ހާއްސަ ޑައިރެކްޓް ރެކްރޫޓްމަންޓް" ގެ ދަށުން ވަޒީފާ ހަމަޖެއްސުމުގެ އިންތިޒާމު މި އުސޫލުގެ ތެރެއިން ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.
މީގެ އިތުރުން މިހާރު އެކި ސަބަބުތަކާ ހުރެ ހިދުމަތުން ދުރުވެފައިވާ ފަރާތްތަކުގެ އެހީތެރިކަމާއެކު ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ހިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށް ޕްރައިމަރީ ހެލްތް ކެއަރގެ އުޞޫލުން ރައްޔިތުންނާ ގާތުންހިދުމަތް ދިނުމަށް މިފަދަ ފަރާތްތަކުގެ އެހީތެރިކަން ފޯރުކޮށްދެވޭނެކަންވެސް ސަރުކާރުން ފާހަގަކޮށްފައިވެއެވެ.
ހަމައެއާއެކު، މި އުޞޫލުގެ ތެރެއިން ޚިދުމަތުން ދުރުވެފައިވާ ޞިއްޙީ ޚިދުމަތްތެރިން އަލުން ޚިދުމަތަށް ނެރުމަށް މަގުފަހިކޮށްދިނުމަށްޓަކައި އެކުލަވައިލައްވާ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ނުވިނަމަވެސް، އެ ފަރާތަކީ ޞިއްޙީގޮތުންނާއި، ތަޢުލީމާއި، ތަޖުރިބާ އަދި ހުނަރުގެ ގޮތުން ޤާބިލު ފަރާތެއްކަމަށްވާނަމަ، އިދާރީ އޮނިގަނޑުގައި އެ ފަރާތަކަށް ދެވޭނެ މަގާމެއް އޮވެއްޖެނަމަ، އެފަރާތެއް އެ މަގާމަކަށް ނެގުމުގެ ފުރުޞަތު ދެވޭނެ ގޮތްވެސް ހަމަޖެހިފައިވާ ކަމަށް ސަރުކާރުން މަޢުލޫމާތު ދެއެވެ.
އެކިއެކި ސަބަބުތަކަށްޓަކައި ޚިދުމަތުން ދުރުވެފައިވާ ޞިއްޙީ ޚިދުމަތްތެރިން އަނބުރާ ޚިދުމަތަށް ނުކުތުމުގެ މަގު ތަނަވަސްކޮށްދިނުމަށް އެކުލަވާލައްވާފައިވާ ޚާއްޞަ އުޞޫލެއް އެކުލަވާލުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނިގެން ހަފުތާ 14 ގައި ކުރުމަށް އެޖެންޑާ ކުރެވިފައިވާ މުހިންމު މަސައްކަތެކެވެ.