އިސްރަށްވެހިންނަށް ހާއްސަ ކްލިނިކެއް އައިޖީއެމްއެޗްގައި ހުޅުވައިފި އެވެ.

މި ކްލިނިކް ހުޅުވާފައިވަނީ އިސްރަށްވެހީންނަށް ހާއްސަ ސިއްހީ ފަރުވާ ލިބޭނެ އިންތިޒާމުތައް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން ޑޮކްޓަރަށް ދައްކަން އެޕޮއިންޓްމަންޓް ހަމަޖެހުމުން ގޭގައި ތިބެގެން މެމޯ ހެދުމުގެ އިންތިޒާމާއެކު އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަމުން ހެލްތު މިނިސްޓަރު އަބްދުﷲ ހަލީލު ވިދާޅުވީ އިސްރަށްވެހީންނަށް ހާއްސަކޮށް ސިއްހީ ހިދުމަތް ފޯރުކޮށްދޭ ކްލިނިކަކާއި ގޭގައި ތިބެގެން މެމޯ ހެއްދޭނެ މަގުފަހިވެގެން ދިއުމަކީ ޒަމާންތަކެއް ވަންދެން އެފަރާތްތަކުން ކުރަމުން އައި އުންމީދުތައް ހަގީގަތަކަށް ވެގެން ދިއުން ކަމަށެވެ.

މީގެއިތުރުން ހަލީލު ވިދާޅުވީ މި ހިދުމަތް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ފުޅާކުރުމުގެ މަސައްކަތް ކުރާނެ ކަމަށާއި އެގޮތުން އެކަމާ ގުޅޭގޮތުން އަވަށްޓެރި އެހެން ގައުމުތަކާއި ވާހަކަދައްކަމުން އަންނަ ކަމަށެވެ.

އިސްރަށްވެހީންނަށް ހާއްސަ ސިއްހީ ފަރުވާ ލިބޭނެ އިންތިޒާމުތައް ފުޅާކުރުމުގެ މަސައްކަތަކީ ސަރުކާރުގެ ހަފްތާ ސާދަ ގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މިފަދަ ކްލިނެއް ހުޅުވާފައިވާއިރު ރާއްޖޭގެ އެކި ސަރަރަހައްދުތަކުގައި އިސްރަށްވެހިންނަށް ހާއްސަ މަރުކަޒުތަކެއް ގާއިމުކުރުމަށް ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ.