ޔުގެންޑާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޒް ހުސައިން މުހައްމަދު ލަތީފް މިރޭ ފުރާވަޑައިގެންފިއެވެ.

ނައިބު ރައީސްގެ މި ދަތުރުފުޅުގައި ޔުގަންޑާގެ ކަމްޕާލާގައި ބާއްވާ ނޮން-އެލައިންޑް މޫވްމަންޓް (ނާމް)ގެ 19 ވަނަ ސަމިޓުގެ ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައާއި "ގްރޫޕް އޮފް 77 އެންޑް ޗައިނާ" (ޖީ77) ގެ ދަށުން ބާއްވާ ތިންވަނަ ސައުތް ސަމިޓްގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި މި ދެސަމިޓުގައިވެސް އެމަނިކުފާނުގެ ތަޤްރީރުކުރެއްވުމަށް ހަމަޖެހިފައިވެއެވެ.

ޖުމްލަ 120 މެންބަރު ގައުމު ހިމެނޭ ނާމްގެ މެންބަރު ގައުމަކަށް 1976 ވަނަ އަހަރު ދިވެހިރާއްޖެ ވީފަހުން ރާއްޖެއަކީ ނާމްގައި ވަރަށް ހަރަކާތްތެރި ގައުމެކެވެ.

ދިވެހިރާއްޖެއިން ޖީ77 އެންޑް ޗައިނާގައި ބައިވެރިވީ ވެސް 1976 ވަނަ އަހަރުގައެވެ. އޭގެ ފަހުން ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ މުހިންމު ބައެއް މައްސަލަތައް ކަމުގައިވާ، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމުގައި ހޯދިފައިވާ ކުރިއެރުންތަކާއި މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައާއި އަދި ހާއްސަގޮތެއްގައި، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް ތަމްސީލުކުރުމާއި އެގައުމުތަކުގެ ހައްގުގައި ވަކާލާތުކުރުމަށް އެޖަމާއަތުގެ ތެރެއިން އެކި ބައްދަލުވުންތަކުގައި ބައިވެރިވެ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.