މާލޭ ސިޓީ ކައުންސިލްގެ މަސައްކަތް ވަކިގޮތަކަށް ނިންމަން ސަރުކާރުގެ އެއްވެސް ނުފޫޒެއް ކައުންސިލްގެ މައްޗަކަށް ފޯރުވާފައި ނުވާކަމަށް މާލޭ ސިޓީކަންސިލްގެ ޑެޕިޔުޓީ މޭޔަރު އަހްމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

ނަރީޝް މިހެން ވިދާޅުވީ، ސަރުކާރުން މާލޭ ސިޓީ ކައުންސިލަށް ނުފޫޒު ފޯރުވަމުންދާ ކަމަށް އިންތިހާބީ މޭޔަރު އާދަމް އާޒިމް ކުރެއްވި ތުހުމަތާއި ގުޅިގެންނެެވެ. .

އިންތިހާބީ މޭޔަރު އާޒިމް ވިދާޅުވެފައިވަނީ މާލެ ސިޓީގެ ކަންކަން ކުރިއަށްގެންދާންވީ ގޮތް ރައްޔިތުން ސާފުކޮށް ބުނެފައިވާކަމަށާއި، ގާނޫނުއަސާސީގެ 8 ވަނަ ބާބާއި ލާމަރުކަޒީ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތާއި ހިލާފަށް، ރައީސްއޮފީހުގެ ވަޒީރުން ވަންނަވައިގެން ސިޓީ ކައުންސިލުގެ މަސައްކަތްތައް އަތުލައްވަން ކުރައްވާ މަސައްކަތްތައް ހުއްޓާލުމަށް ސަރުކާރަށް ގޮވާލައްވާކަމަށެވެ.

މި ކަމާގުޅިގެން ނަރީޝް އިތުރަށް ވިދާޅުވީ ސަރުކާރަކުން ކައުންސިލަށް ނުފޫޒެއް ނުފޯރުވާ ކަމަށެވެ.

''ސަރުކާރުގެ އެއްވެސް ވަޒީރެއް އަދި ރައީސް އޮފީހަކުން ކައުންސިލްގެ މަސައްކަތަށް އަތްބާނަން އަދި ކައުންސިލްގެ މަސައްކަތްތަކެއް އަތުލަން އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވޭ''.
ނަރީޝް ވިދާޅުވިއެވެ

އަދި ސިޓީ ކައުންސިލުގެ މިއަދުގެ ނިންމުމަކީ ކައުންސިލްގެ ޖަލްސާއަކަށް ހުށައަޅައި މަޝްވަރާކުރެވުނު މައްސަލައެއް ކައުންސިލްގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އަޣުލަބިއްޔަތުން އެގޮތަށް ފާސްވެ މެމްބަރުން އެގޮތަަށް ބޭނުންވުމުން ނިންމި ނިންމުމެއް ކަމަށްވެސް ނަރީޝް ވަނީ ވިދާޅުވެފައެވެ.