ހިޔަލަ ވީކްއެންޑް މާކެޓް ޚާއްސަ ރަސްމިއްޔާތަކާއި އެކު މިރޭ ހުޅުވުމަށް ނިންމައިފިއެވެ.

މިއީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ލިމިޓެޑުން ކުރިޔަށް ގެންދާ މާކެޓެކެވެ. ހިޔަލަ ވީކްއެންޑް މާކެޓު ކުރިޔަށް ދާނީ، ހުޅުމާލެ ރެޑްވޭވް މެގަމޯލްގެ ފުރަގަހުން އޮންނަ ކޮންޓެއިނާ ޕާކުގެ އިރުމަތިން އޮންނަ ސަރަހައްދުގައެވެ.

އެސަރަހައްދުގައި، 10 ކިއޮސްކެއް ހެދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

ހުޅުމާލޭގައި ތަރައްޤީ ކުރާ "ހިޔަލަ ވީކެންޑް މާކެޓު"ގައި ކުއްޔަށް ދޫކުރާ ކިއޮސްކްތަކަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތުވެސް މިހާރު ވަނީ ހުޅުވާލާފައެވެ.

ބީސީސީން ބުނީ، ކޮންމެ ހަފްތާއެއްގެ ހުކުރު އަދި ހޮނިހިރު ދުވަހު ހަވީރު 4 އިން ރޭގަނޑު 11 އަށް ހުޅުވާފައި ހުންނަ މި މާކެޓުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތައް އެކަމަށް ޓަކައި ފޯމު ހުށަހެޅުމާއެކު ދަފްތަރު ކުރެވިގެންދާނެއެވެ. ކޮންމެ ހަފްތާއެއްގައި ވެސް މި ކިއޮސްކްތަކަށް ވިޔަފާރިތައް ހޮވާނީ ދަފްތަރު ކުރެވިފައިވާ ތަރުތީބުންނެވެ.