މުޖުތަމަޢު އިސްލާހު ކުރެވޭނީ އީމާންކަން ވަރުގަދަކޮށް، ޣައިބުގައިވާ އެންމެހައި ކަންކަމަށް ފުރިހަމައަށް އީމާންވެގެން ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.

އީމާންކަން ހަރުދަނާ ކުރުމުގެ މައްޗަށް އަލިއަޅުވާލައި މިއަދު އިއްވި ޚުތުބާގައި ބުނީ އިންސާނާގެ ކާމިޔާބީއާއި ބާއްޖަވެރިކަންވަނީ، މާތް الله އަށް ފުރިހަމައަށް އީމާންވެގެން ކަމަަށެވެ.

އީމާންކަމަކީ އިސްލާމްދީނުގެ އަސާސެވެ. އިންސާނާއަށް ދުނިޔަވީ ޙަޔާތުގެ އުފަލާއި އަރާމު އަދި އުޚުރަވީ ޙަޔާތުގެ ބާއްޖަވެރިކަން ލިބޭނީ އީމާންކަން ވަރުގަދަކޮށް، ހަރުދަނާ ކޮށްގެންނެވެ. މާއްދިއްޔަތުގެ ތެރެއަށްގޮސް ހުސްވެފައިވާ، މިފަދަ ދުވަސްވަރެއްގައި، އީމާންކަން ބަލިކަށި ވެ ނުބައިމަގުން ދެވުމަކީ ވަރަށް ކައިރި ކަމެކެވެ. އަދި މީހާގެ އުޅުމާއި، އަމަލުތަކުގެ ސަބަބުންވެސް އީމާންކަން ބަލިކަށި ވެއެވެ.

އެހެންކަމުން ހެޔޮ އަމަލުތަކާއި، ވައުޘާއި ނަސޭހަތުގެ އެހީގައި އަހަރެމެން އަބަދުވެސް އީމާންކަން ހަރުދަނާ ކުރަންޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި އިތުރަށް ބުނީ ހަގީގީ މާނާގައި، މާތް اللهއަށް އީމާންވުމަކީ އިންސާނާގެ ހިތުގައި އުފާވެރިކަމުގެ ޝުޢޫރުތަކާއި، ބާއްޖާވެރިކަމުގެ އިހްސާސްތައްއުފައްދާ ކަމެއް ކަމަށެވެ.

ނަމަވެސް ދީނީ ވާޖިބުތައް ދާކުރަމުންދާއިރުވެސް ވަރަށް ފަސޭހައިން މާތް الله ހަރާމް ކުރައްވާފައިވާ ކަންތައްތަކަށް އަރައިގަނެވޭކަމަށް ބައެއް މީހުން ބުނަމުންދާކަން ފާހަގަކޮށް ޚުތުބާގައި ބުނީ، އެއީ އީމާންކަން ބަލިކަށިކަމުގެ ޢަލާމާތެއް ކަމަށެވެ.

މިއާއެކު ޚުތުބާގައި ބުނީ، އަހަރެމެންގެ މުޖުތަމަޢު އިސްލާޙްކޮށް، މަސްތުވާތަކެތީގެ ބޮޑެތި ޖަރީމާތަކުންނާއި، ފާހިޝް ޢަމަލުތަކުން މުޖުތަމަޢު ސަލާމަތް ކުރެވޭނީ އީމާންކަމުގެ ވަރުގަދަކޮށް، ޣައިބުގައިވާ އެންމެހައި ކަންތައްތަކަށް ފުރިހަމަ މާނާގައި އީމާންވެގެން ކަމަށެވެ.