އެސްޓީއޯ ހިންގުމުގެ ޚަރަދު 2019 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރަށްވުރެ 2020 ވަނަ އަހަރުގެ 4 ވަނަ ކުއާޓަރުގައި ބޮޑު ވެއްޖެއެވެ. އެކުންފުނީން ވިދާޅުވީ އެގޮތަށް ދިމާވީ ކޮވިޑް 19 ގެ ސަބަބުން ކަމަށެވެ.

"މި ކުންފުނީގެ ހިންގުމުގެ ޚަރަދު، 2020 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރގައި ވަނީ އޭގެ ކުރީ އަހަރުގެ ހަތަރުވަނަ ކުއާޓަރއާއި އަޅާބަލާއިރު ގާތްގަނޑަކަށް 4 އިންސައްތަ އިތުރުވެފައެވެ. މީގެ މައިގަނޑު ސަބަބަކީ، ކޯވިޑް-19 އަށް ރިޢާޔަތްކޮށް ކަސްޓަމަރުންނަށް ދީފައިވާ ކްރެޑިޓް މުއްދަތު އިތުރުކުރުމާއި ޕްރޮވިޝަން ހިސާބު ކުރުމަށް ބޭނުންކުރާ މިންގަނޑުތަކަށް ގެނެވުނު ބަދަލާއެކު ޕްރޮވިޝަންސް އިތުރުވުމެވެ." އެސްޓީއޯއިން ވިދާޅުވެފައިވެއެވެ.

އެސްޓީއޯގެ 2020 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރގެ ސާފު ފައިދާއަކީ 91 މިލިއަން ރުފިޔާއެވެ. މިއީ 2019 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރާ އަޅާބަލާއިރު 10 އިންސައްތައިގެ ކުރިއެރުމެއް ކަމަށް އެކުންފުނީން ވިދާޅުވެފައިވެއެވެ.

އެސްޓީއޯއަކީ ސަރުކާރުގެ އިތުރުން ޢާންމު ޙިއްސާދާރުން ހިމެނޭ ކުންފުންޏެކެވެ. އޭގެ އިތުރުން އެއީ ދިވެހިރާއްޖޭގެ އިޤްތިޞާދަށް ބޭނުންވާ އަދި ރައްޔިތުންނާ ގުޅުންހުރި އެތައް މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެކެވެ. އެހެންކަމުން އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ އެ ދާއިރާތަކަށް އިންވެސްޓްކުރުމަށާއި ޙިއްސާދާރުންނަށް ދެމެހެއްޓެނިވި ފައިދާއެއް ނެރެދެއްވުން ކަމަށް އެކުންފުނީން ވަނީ ވިދާޅުވެފައެވެ.

އެސްޓީއޯއިން ވިދާޅުވެފައިވަނީ 2020 ވަނަ އަހަރު ކުންފުނީގެ ޖުމްލަ އާމްދަނީއަކީ 7.2 ބިލިއަން ރުފިޔާ ކަމަށެވެ. ކުންފުނީގެ ހިންގުމުގެ ޚަރަދު ކުޑަކުރެވިފައި ވުމާއެކު ކުންފުނީގެ ޓެކުހަށް ކެނޑުމުގެ ކުރިން ސާފު ފައިދާގެ ގޮތުގައި 500 މިލިއަން ރުފިޔާ ވަނީ ލިބިފައި ކަމަށް އެކުންފުނީން ވިދާޅުވެފައިވެއެވެ. އަދި ޓެކްސްއަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 410 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 35 އިންސައްތައިގެ ކުރިއެރުމެއް ކަމަށް އެސްޓީއޯއިން ވިދާޅުވެފައިވެއެވެ.

އެސްޓީއޯއިން ވިދާޅުވެފައިވަނީ އަބަދުވެސް އެކުންފުނީން އެންމެ އިސްކަމެއް ދެއްވަނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް، މެދުކެނޑުމެއްނެތި ހެޔޮ އަގެއްގައި ރައްޔިތުންނަށް ފޯރުކޮށް ދެއްވުން ކަމަށެވެ.

ކޮވިޑް-19 ގެ ޙާލަތުގައިވެސް އެންމެ އިސްކަމެއް ކުންފުނީން ދެއްވާފައިވަނީ ބޭހާއި ކާޑާއި، ރައްޔިތުންނަށް ބޭނުންވާ އެހެނިހެން ޚިދުމަތްތައް ހުއްޓުމެއްނެތި ފޯރުކޮށްދެއްވުމަށެވެ. އޭގެ ނަތީޖާއެއްގެގޮތުން، އެސްޓީއޯއިން ވަނީ ކޯވިޑް-19 ގެ ސަބަބުން ސިއްހީ ދާއިރާއަށް ބޭނުންވި މެޑިކަލް ކޮންސިއުމަބަލްސްއާއި އިކުއިޕްމަންޓްގެ އިތުރުން ސަރުކާރުން ޓަރޝަރީ ފެންވަރަށް ގެންނަ، 4-ހޮސްޕިޓަލް ޕްރޮޖެކްޓަށް ބޭނުންވާ އިކުއިޕްމަންޓްވެސް ފޯރުކޮށްދެއްވާފައި ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

އެސްޓީއޯގެ 4 ވަނަ ކުއާޓަރގެ ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 1.9 ބިލިއަން ރުފިޔާ ލިބިފައެވެ. އަދި ޖުމްލަ ފައިދާގެ ގޮތުގައި ވަނީ 378 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ އޭގެ ކުރީ އަހަރުގެ ހަތަރުވަނަ ކުއާޓަރާ އަޅާބަލާއިރު 15 އިންސައްތައިގެ ކުރިއެރުމެއް ކަމަށް އެސްޓީއޯއިން ވިދާޅުވެފައިވެއެވެ.