އިޒްރޭލުގެ ޒަޔަނިސްޓުން ޣައްޒާގައި ހުރި ގަބުރުސަތާނުތައް ހަލާކު ކުރަން ފަށައިފިއެވެ.

ނޫސްތަކުން ރިޕޯޓުކުރާގޮތުގައި ޣައްޒާގައި މިހާތަނަށް 16 ގަބުރުސްތާނު އިޒްރެލުން ވަނީ ހަލާކު ކޮށްފައެވެ. މިގޮތުން އިޒްރޭލުން ވަނީ ގަބުރުސްތާނުތަކުގައި ތިބި މަހާނަގާތައް ހަލާކު ކޮށް، ގަބުރުސްތާނު ކޮނެ ގަބުރުތައް ނަގާފައެވެ. މިކަން މީޑިއާ އަށް ހާމަވީ ސީއެއެން އިން ކުރި ތަހުގީގެއްގައެވެ. މިގޮތުން މިކަން ހާމަވާ ސެޓަލައިޓް ފޮޓޯތަކާއި ވިޑިއޯތައް ވަނީ މީޑިއާއަށް ލީކުވެފައެވެ. އަދި މީގެ އިތުރުން ޣައްޒާގައި ހަރަކާތްތެރިވަމުން އަންނަ ނޫސްވެރިން ވަނީ އިޒްރޭލުގެ ސިފައިން ގަބުރުސްތާނުތައް ހަލާކު ކުރާތަން ހަމަލޮލަށް ދެކެ، އެކަމަށް ހެކިދީފައެވެ.

ގަސްތުގައި ގަބުރުސްތާނުތަކާއި އަޅުކަންކުރާ ތަންތަނާއި، ހޮސްޕިޓާތައް އަދި ރެފިއުޖީ ކޭންޕުތަކަށް ހަމަލާދިނުމަކީ ބައިނަލްއަގްވާމީ ހަނގުރާމައިގެ ގާނޫނުގައި މަނާ ކުރެވިފައިވަ ކަންކަމެވެ. ނަމަވެސް އިޒްރޭލުން ދަނީ މިހުރިހާ ކަމެއް ކުރަމުންނެވެ. އަދި ކޮންމެ ކަމަކަށް ވެސް އިޒްރޭލުން ދެމުން އަންނަ ޖަވާބަކީ "ހަމާސް" އެވެ.

މިގޮތުން ގަބުރުސްތާނުތައް ހަލާކު ކުރުމުގެ މައްސަލައިގެ އިޒްރޭލުގެ ސިފައިންނާ ސުވާލު ކުރުމުން ދިން ޖަވާބަކީ ހަމާސް ގެ މިލިޓަރީ އޮޕަރޭޝަން ތަކެއް ގަބުރުސްތާނުގައި ހިންގަމުންދާތީ އެތަންތަން ހަލާކު ކުރަނީ ކަމަށެވެ. ހަމާސް އިން މިކަހަލަ އޮޕަރޭޝަނެއް ހިންގާކަމުގެ އެއްވެސް ހެއްކެއް އިޒްރޭލުން ހުށައައަޅާފައެއް ނުވެއެވެ.