ޗައިނާގެ މެދުތެރޭގެ ސްކޫލް ޑޯރމިޓަރީއެއްގައި އަލިފާން ރޯވެ 13 މީހަކު މަރުވެއްޖެ ކަމަށް ސްޓޭޓް ޝިންހުއާ ނޫސް އެޖެންސީން ބުނެފިއެވެ.
އަލިފާނުގެ މި ހާދިސާ ހިނގައިފައިވަނީ ހެނާން ޕްރޮވިންސްގެ ޔަންޝަންޕޫ އަވަށުގެ ކުޑަކުދިންނަށް ކިޔަވައިދޭ ސްކޫލެއްގައި ހުކުރު ދުވަހުގެ ރޭނގައެވެ.
ޗައިނާ ޑެއިލީ ނޫހުން މައުލޫމާތު ދީފައިވާގޮތުގައި މި ސްކޫލަކީ އަމިއްލަ ފަރާތަކުން ހިންގާ ސްކޫލެކެވެ. ޗައިނާގެ ފުލުހުން މިހާރުވަނީ އެ ސްކޫލުގެ މެނޭޖަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މި ހާދިސާގައި ތޭރަ މީހަކު މަރުވުމުގެ އިތުރަށް ޒަޚަމްވި މީހަކަށް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ. މަރުވި މީހުންގެ އައިޑެންޓިޓީއާއި އަލިފާން ރޯވި ސަބަބާ ބެހޭ އިތުރު ތަފްސީލެއް ރަސްމީ ޗެނަލްތަކުން ހާމަކޮށްފައެއް ނުވެއެވެ.
ސްކޫލުގައި އަލިފާން ރޯވިތާ ގަޑިއިރެއް ތެރޭގައި ޗައިނާގެ ފަޔަރ ފައިޓަރުން ވަނީ އަލިފާން ކޮންޓްރޯލުކޮށް ނިންވާލާފައެވެ.
ނިމިދިޔަ އަހަރުގެ ނުވެންބަރު 26 ވަނަ ދުވަހު ޗައިނާގެ ލޫލިއަންގް ސިޓީގައި ވެސް ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފައެވެ. އެ ހާދިސާގައި 26 މީހަކު މަރުވިއެވެ. މީގެ އިތުރުން މިދިޔަ އަހަރު އޭޕްރީލް މަހުގައި ޗައިނާގެ ބެއިޖިންގް ގައި ހިނގިއަލިފާނުގެ ހާދިސާއެއްގައި 29 މީހަކު ވަނީ މަރުވެފައެވެ.