މިދިޔަ ބުރާސްފަތި ދުވަހު ހާލުދެރަވެގެން ގއ. ވިލިނގިލިން މާލެ ނުގެނެވިގެން އުޅުމަށްފަހު ސޯޅަގަޑި އިރު ފަހުން މާލެ ގެނެވުނު ކުއްޖާ ފަރުވާދުމުން ދަނިކޮށް މިއަދު ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ އުމުރުން 13 އަހަރުގެ ކުއްޖެކެވެ.

ބަލިހާލުބޮޑުވެފައިވާ މި ކުއްޖާ ފުރުވާ ނުލެވި ލަސްވީ، އާސަންދައިގެ އެހީގައި ޗާރޓަކޮށްގެން ފްލައިޓެއް ގެންނަން ޖެހިގެން ކަމަށް ހޮސްޕިޓަލުން ވާހަކަ ދެއްކި މީހަކު މައުލޫމާތު ދީފައިވެއެވެ. އަދި އެކަމަށްޓަކާ ހޮސްޕިޓަލުން ކުރަން ޖެހޭ ކަންތައްތައް ހޮސްޕިޓަލުން ނިންމި ނަމަވެސް، ލަސްވީ އައިލެންޑް އޭވިއޭޝަން ފްލައިޓް ކޫއްޑޫއަށް ދިއުން ލަސްވެގެން ކަމަށްވެސް އެ ފަރާތުން ބުންޏެވެ.

އެގޮތުން ވިލިގިލީ އަތޮޅު ހޮސްޕިޓަލްގައި މިމަހުގެ 17 ވަނަ ދުވަހުގެ ރޭ ވެންޓިލޭޓަރަށް ލީ ކުއްޖާ މާލެ ގެނެވިފައިވަނީ ގާތްގަޑަކަށް 16 ވަރަކަށް ގަޑިއިރު ފަހުން، މިމަހުގެ 18 ވަނަ ދުވަހުގެ އިރުއޮއްސެން އުޅެނިކޮށެވެ. މައުލޫމާތު ލިބުނު ގޮތުގައި އެކުއްޖާ ފުރުވާލެވުނީ ވަރަށް ހަވީރުގެ ވަގުތެއްގައި ކަމުގައެވެ.

މިކަމާ ގުޅިގެން އާއިލާއިން ދަނީ ނުރުހުން ފާޅުކޮށް ސަރުކާރަށް ފާޑުކިޔަމުންނެވެ. އެގޮތުން އެ އާއިލާއިން ތުހުމަތު ކުރާ ގޮތުގައި، ކުއްޖާގެ ހާލު ދެރަވެ، އެމީހުންނާ ވަކިވެގެން އެދިޔައީ ސަރުކާރުން އިންޑިއާގެ ޑޯނިއަރ ބޯޓު ހަމަޖައްސައި ނުދިނުމުން މާލެ ގެނައުން ލަސްވުމުގެ ސަބަބުންނެވެ. އެ އާއިލާއިން ބުނީ ރައީސް ޑރ މުހައްމަދު މުޢިއްޒުގެ ސަރުކާރުން ޑޯނިއަރގައި އެކުއްޖާ މާލެ ގެނައުމަށް ދެކޮޅު ހެދުމުގެ ނަތީޖާއެއްގެ ގޮތުން އިތުރު ފްލައިޓެއް ޗާޓަރު ކުރަން 16 ގަޑިއިރު ލަސްވި ކަމަށެވެ. އެންމެ ފަހުން އެ ކުއްޖާ އެ މީހުންނަށް އެ ގެއްލުނީ ހިތާމަވެރި ގޮތަކަށް ކަމަށެވެ.

މާލެ ގެނައުމަށްފަހު އެކުއްޖާއަށް ފަރުވާދޭން ފެށި ނަމަވެސް އޭރުވަނީ ވަރަށް ހާލުދެރަވެފައެވެ. ފާއިތުވި ދެދުވަހު ޑޮކްޓަރުން ވަނީ އުއްމީދި ކަނޑާލާފައެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ ވިލިނގިލި ހޮސްޕިޓަލުން ވެންޓިލޭޓަރަށް ލީ މި ކުއްޖާ މާލެ ގެނައީ މިދިޔަ ބުރާސްފަތި ދުވަހު މޯލްޑިވިއަންގެ ޝެޑިއުލް ފްލައިޓަކުންނެވެ.

އެ ކުއްޖާ ނިޔާވީ އައިޖީއެމްއެޗް ގައި ފަރުވާ ދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގައެވެ. ނިޔާވި ކުއްޖާއަކީ ވިލިގިނލި ސްކޫލްގައި ގްރޭޑް 7 ގައި ތައުލީމު ހާސިލްކުރަމުން ދިޔަ ކުއްޖެކެވެ.