އިޒްރޭލުން ގާޒާއަށް ދެމުންދާ ހަމަލާތަކަކީ ގަތުލުއާންމުތަކާ ގުޅޭ މުއާހަދާއާ ހިލާފު އުދުވާންތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ.
ނާއިބުރައީސް މިހެން ވިދާޅުވީ، ޔުގަންޑާގެ ކަމްޕާލާގައި ކުރިއަށްދާ ނޮން-އެލައިންޑް މޫވްމަންޓް (ނާމް)ގެ 19 ވަނަ ސަމިޓުގައި ދިވެހިރާއްޖޭގެ ފަރާތުން ފަލަސްތީނަކީ ސިޔާދަތީ އަދި މިނިވަން ދައުލަތެއްގެ ގޮތުގައި ގާއިމުކުރުމަށް ގޮވާލައްވައި ދެއްވި ތަގްރީރުގައެވެ.
މިސަމިޓުގައި ރާއްޖޭގެ ފަރާތުން ތަގުރީރު ކުރައްވަމުން ނާއިބު ރައީސް ހުސައިން ވިދާޅުވީ އެތައްހާސް ބަޔަކު ޝަހީދުކޮށްލައި ހިންގަމުންދާ ކަންކަމާހުރެ ޣައްޒާގެ ރައްޔިތުންނަށް އިންސާނީ މުސީބާތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. ނައިބު ރައީސްގެ ވާހަކަފުޅުގައި ވަނީ އިޒްރޭލުގެ އުދުވާންތައް ރާއްޖެއިން ކުށްވެރިކުރާކުރުން ތަކުރާރު ކުރައްވާފައެވެ. ޣައްޒާގައި އެތައްހާސް ބަޔަކު ޝަހީދުކޮށްލައި ހިންގަމުންދާ ކަންކަމާހުރެ ޣައްޒާގެ ރައްޔިތުންނަށް އިންސާނީ މުސީބާތަކާ ކުރިމަތިލާން ޖެހިފައިވާކަން ފާހަގަކުރައްވައި، ފަލަސްޠީނުގެ ކުށެއްނެތް އާންމު ރައްޔިތުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންގެންދާ ޢުދުވާންތައް ރާއްޖެއިން އަބަދުވެސް ކުށްވެރިކުރާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އިޒްރޭލުގެ މި އަމަލުތަކަކީ ގަތުލުއާންމުތަކާ ގުޅޭ މުއާހަދާއާ ހިލާފު އަމަލުތަކެއްކަން ސާބިތުކުރުމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްއަށް މައްސަލަ ހުށަހަޅާފައިވާތީ ނާއިބު ރައީސް އެކަމަށް ތައުރީފުކުރެއްވި އެވެ.
ނާއިބު ރައީސްގެ ވާހަކަފުޅުގައި ވަނީ ވަގުތުން ވަގުތަށް ހަމަލާތައް ހުއްޓާލުމަށާއި ދާއިމީ ސުލްހަވެރި މަގެއް ހޯދުމަށް ގޮވާލާ ގޮވާލުމުގައި އެއްބާރުލުން އިތުރުކޮށް އެކަންކަމަށް ބާރުއަޅައި 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައަޅައި ފަލަސްތީނަކީ ސިޔާދަތީ އަދި މިނިވަން ދައުލަތެއްގެ ގޮތުގައި ގާއިމުކުރުމަށް ގޮވާލައްވާފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޔުގަންޑާއަށް ކުރައްވަމުން ގެންދަވާ މި ދަތުރުފުޅަކީ ޔުގަންޑާގެ ކަމްޕާލާގައި މިހަފްތާގައި ކުރިއަށްގެންދާ ނޮން-އެލައިންޑް މޫވްމަންޓް (ނާމް)ގެ 19 ވަނަ ސަމިޓާއި "ގްރޫޕް އޮފް 77 އެންޑް ޗައިނާ" (ޖީ77) ގެ ދަށުން ބާއްވާ ތިންވަނަ ސައުތް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.