މިދިޔަ ޑިސެމްބަރު މަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުފަންވި 205 ކުއްޖަކަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އިން ގިފްޓު ޕެކްތައް ހަދިޔާކޮށްފިއެވެ.

"ފަޚުރުވެރި އާއިލާ"ގެ ނަމުގައި އެސްޓީއޯއިން ހަދިޔާކުރާ މި ގިފްޓް ޕެކްގައި ހިމެނެނީ އަލަށް އުފަންވާ ދަރިފުޅުގެ އިތުރުން މައިމީހާ އަށް ބޭނުންވާ އެކިއެކި ސާމާނެވެ. ގިފްޓްޕެކް ހަދިޔާ ކޮށްފައިވަނީ މި ހޮސްޕިޓަލުތަކަށް ވިހާފައިވާ ކުދިންންނެވެ.

  • އައިޖީއެމްއެޗް،
  • ހުޅުމާލެ ހޮސްޕިޓަލް،
  • ކުޅުދުއްފުށީ ހޮސްޕިޓަލް،
  • އުނގޫފާރު ހޮސްޕިޓަލް،
  • ގަން ރީޖަނަލް ހޮސްޕިޓަލް،
  • ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް،
  • ފުވައްމުލަކު ހޮސްޕިޓަލް
  • އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލު

އެސްޓީއޯއިން ދޭ ގިފްޓް ޕެކްގައި ހިމެނޭނީ އެކުންފުނިން ރާއްޖެއަށް އެތެރެ ކުރާ ޕިއުރިޓީ ބްރޭންޑުގެ ރީތިވާ ސާމާނެވެ. އެގޮތުން ޕިޔުރިޓީ ބްރޭންޑްގެ އުފެއްދުންތަކަކީ ކުޑަކުދިންގެ ނާޒުކު ހަންގަނޑަށް ފަސޭހަ، ދުޅަހެޔޮ މާއްދާތައް އެކުލެވޭ އުފެއްދުމެއް ކަމަށް އެސްޓީއޯއިން ބުނެއެވެ.

މީގެ އިތުރުން މި ގިފްޓު ޕެކުގައި މައިންބަފައިންނަށް ޚާއްސަ އަތްމަތީ ފޮތެއްވެސް ހިމަނާފައިވެއެވެ. އެގޮތުން މި ފޮތުގެ ބޭނުމަކީ ދަރިން ބެލުމުގައި ދިމާވާ އާންމު މައްސަލަތަކާއި، އެ މައްސަލަތަކަށް ހައްލު ހޯދައިދިނުމަށާއި އެނޫންވެސް ކަންކަމަށް އެހީތެރިވުމަށް ތައްޔާރުކޮށްފައިވާ ފޮތެކެވެ. މި ފޮތަށް ރާއްޖޭގެ ސިއްހީ މާހިރުން ވެސް ތައުރީފު ކުރައްވާފައިވެއެވެ.

އެސްޓިއޯއިން ހާމަކުރިގޮތުގައި މިދިޔަމަހު އެންމެ ގިނައިން ގިފްޓް ޕެކް ދީފައިވަނީ އަންހެން ކުދިންނަށެވެ. އެގޮތުން 109 އަންހެން ކުއްޖަކަށް ގިފްޓް ޕެކް ދީފައިވާއިރު، 96 ފިރިހެން ކުއްޖަކަށް ގިފްޓް ޕެކް ވަނީ ދީފައެވެ.

މިދިޔަ އަހަރު ނޮވެމްބަރ މަހުވެސް އަލަށް އުފަންވި 209 ކުއްޖަކަށް އެސްޓިއޯއިން ވަނީ ހަދިޔާ ދީފައެވެ. އެގޮތުން ނޮވެމްބަރމަހު 112 އަންހެން ކުއްޖަކަށް ގިފްޓް ޕެކް ދީފައިވާއިރު، 92 ފިރިހެން ކުއްޖަކަށް ގިފްޓް ޕެކް ވަނީ ދީފައެވެ. މިދިޔަ މަހާއެކު މި އަހަރުގެ މިހާތަނަށް އެސްޓީއޯއިން ވަނީ 2،429 ކުއްޖަކަށް މި ހަދިޔާތައް ދީފައެވެ.