މާލެ ސަރަހައްދުން ގޯތި ލިބިފައިވާ އެއްވެސް މީހެއްގެ އަތުން ގޯތި އަތުނުލައްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
މާލޭ ރައްޔިތުން ހިންގާ ހަތަރު ޖަމިއްޔާއެއް ގުޅިގެން، ސަލްޓަން ޕާކްގައި ރޭ ބޭއްވި "މާލޭ ބިންވެރިންގެ ސައްލާ"ގައި ރައީސްގެ މަންދޫބެއްގެ ހައިސިއްޔަތުން ރައީސް އޮފީހުގެ އަންޑަ ސެކެޓްރީ ފޯ ޕަބްލިކް ޕޮލިސީ މުޙައްމަދު ފިރުޒުލް ބައިވެރިވެވަޑައިގެންނެވިއެވެ.
އެ ހަތަރު ޖަމިއްޔާ އަކީ ގިރާވަރު މާލެ ސިޓިޒަންސް އެސޯސިއޭޝަން އާއި ގުޅީފަޅު ރައްޔިތުންގެ އެސޯސިއޭޝަނާއި މަލެ ރަށްވެހީންގެ ޖަމިއްޔާ އަދި ހުޅުމާލެ ރައްޔިތުންގެ ކޮމެޓީއެވެ.
އެ ޖަމިއްޔާތަކުގެ ފަރާތުން ހާއްސަ މަންދޫބެއް ކަނޑައަޅާ ރައީސް މުއިއްޒުއާ ވަނީ ބައްދަލު ކުރައްވާފައެވެ. އެ ބައްދަލްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުތައް ވަނީ ހާމަ ކޮށްފައެވެ. އަދި އެމަނިކުފާނުގެ މެސެޖު ވަނީ ހިއްސާކޮށްފައެވެ.
ފިރުޒުލް ވިދާޅުވީ ކުރީ ސަރުކާރުން ފަށާފައިވާ ގޯތި ދިނުމުގެ މަޝްރޫއުގެ ދަށުން ކުރަން ޖެހޭ މުހިއްމު މަސައްކަތްތައް މިހާރުވެސް ކުރައްވަމުން އަންނަ ކަމަށާއި، ގޯތި ދޭން ކަނޑައެޅި ތަންތަނަށް ބިން އިތުރުކުރުމުގެ މަސައްކަތާއި އެތަންތަނުގެ އަސާސީ އިންފްރާސްޓްރަކްޗާ ގާއިމްކުރުމާއި ދަތުރުފަތުރުގެ ނިޒާމު ގާއިމްކުރުމުގެ އިތުރަށް ގޯތިތަކުގެ ރަޖިސްޓްރީ މީހުންނާ ހަވާލުކުރުމުގެ މަސައްކަތްތައް ކުރަމުން އަންނަކަމަށެވެ.
ފިރުޒުލް ވިދާޅުވި ގޮތުގައި ގިރާވަރުފަޅުން ގާތްގަނޑަކަށް 54 ހެކްޓަރު ހިއްކާ ނިންމާފައިވައިވެއެވެ. ގުޅިފަޅުން ގާތްގަނޑަކަށް 94 ހެކްޓަރު ހިއްކާ ނިންމާފައިވާ ކަމަށާއި ހުޅުމާލެ ފަޅު ހިއްކުމުގެ ދެވަނަ ސެގްމެންޓްގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ގޯތިދޫކުރާ ސަރަހައްދުތައް ހިއްކުމުގެ އެއްވެސް މަސައްކަތެއް ނުހުއްޓޭ ކަމަށާއި އެތަންތަން ހިއްކަމުން އަންނަނީ ކުރިން ކަނޑައެޅި ވަރަށްވުރެ ބޮޑުކޮށް ކަމަށް ވިދާޅުވިއެވެ.
ސަރުކާރުން އަމާޒު ހިފާފައިވަނީ މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް މިހާރު ހިއްކަމުން އަންނަ ތަންތަން ހިއްކާ ނިންމާލުމަށެވެ. ގެދޮރު އިމާރާތް ކުރުމަށް ފަސް ޕަސެންޓަށްވުރެ ބޮޑުނުވާ އިންޓްރެސްޓް ރޭޓްގައި ލޯނު ދޫކުރުމަށް ސަރުކާރުން ކަނޑައަޅާފައި އޮތްގޮތަށް ކުރިއަށް ދާނެއެވެ.