ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހިއްކަން ފަށައި، ނުހިއްކި އޮތް ބިމުން ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ ލިބޭނެ ކަމުގެ ލިޔުމެއް ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
"މާލެ ބިންވެރިންގެ ސައްލާ" ނަމުގައި ރޭ ސަލްޓަން ޕާކްގައި ބޭއްވި ބައްދަލުވުމުގައި މާލެ ރަށްވެހިންގެ ޖަމިއްޔާ އާއި ހުޅުމާލޭ ރައްޔިތުންގެ ކޮމިޓީ އާއި ގުޅީފަޅު ރައްޔިތުންގެ އެސޯސިއޭޝަނާއި ގިރާވަރު މާލެ ސިޓިޒަން އެސޯސިއޭޝަނުން ކަނޑައަޅާފައިވާ މަންދޫބު ސުނާދު ލަތީފު ވަނީ ރައީސް މުއިއްޒާއެކު ބޭއްވި ބައްދަލުވުމުގެ ތަފްސީލް ދެއްވައިފައެވެ.
ސުނާދު ވިދާޅުވީ، ރަޖިސްޓްރީ އާއި ބިން ދޫކުރުމުގެ މަސައްކަތް ވީހާ ވެސް އަވަހަކަށް ކުރިއަށް ގެންދެވޭނެ ގޮތެއް ބައްލަވައި އެގޮތަކަށް މަސައްކަތްތައް ރާވާ، ހަމަޖައްސަވާނެ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށެވެ.
ނުހިއްކި އޮތް ތަނުން ބިން ދޫކުރުމުގެ ކަންތަކާއި ގުޅޭ ގޮތުން ރައީސް އާއި އެކީ މަޝްވަރާ ކުރެއްވުމުން، ގެޒެޓުގައި އިއުލާނު ކުރެވިފައިވާ ފަރާތަކަށް އެތަންތަން ހިއްކުމުގެ މަސައްކަތް ނިމުމުން ރަޖިސްޓްރީ ލިބޭނެ ކަމުގެ ލިޔުމެއް ދެއްވުމަކީ މުހިންމު ކަމެއް ކަމަށް ރައީސް ފާހަގަ ކުރައްވާ ކަމުގައި ސުނާދު ވިދާޅުވިއެވެ.
"އެކަމާ ގުޅިގެން ރައީސް ވިދާޅުވީ، ގެޒެޓުގައި އިއުލާނު ކުރެވިފައިވާ ފަރާތްތަކަށް އެތަންތަން ހިއްކުމުގެ މަސައްކަތް ނިމުމުން ރަޖިސްޓްރީ ލިބޭނެ ކަމުގެ ލިޔުމެއް ދެއްވުމަކީ މުހިންމު ކަމެއް ކަމުގައި ދެކިލައްވާ ކަމަށް. އަދި ހަމައެއާއެކީގަ ބިން ހިއްކާ ނިމުމުން ރަޖިސްޓްރީގައި ކޯޑިނޭޓްތައް ހިމަނާ ހަވާލު ކުރެވޭނެ ވާހަކަ ހިމެނޭ ގޮތަށް ރަސްމީ ލިޔުމެއް މި ސަރަހައްދުތަކުން ބިން ލިބިލެއްވި ފަރާތްތަކަށް ދެއްވުމުގެ މަސައްކަތް އިނީޝިއޭޓް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވި،" ސުނާދު ވިދާޅުވިއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ހުޅުމާލެ ދެވަނަ ފިޔަވައްސާއި އަލަށް ހިއްކާ ހުޅުމާލެ ތިން ވަނަ ފިޔަވައްސާއި ގުޅިފަޅާއި ގިރާވަރުފަޅުން 9،000 އަށް ވުރެ ގިނަ ގޯތި ދޭން ނިންމައިފަ އެވެ. އޭގެ ތެރެއިން ގިނަ މީހުންނަށް ރަޖިސްޓަރީ އަދި ބައެއް މީހުންނަށް ބިންތައް ވެސް ހަވާލު ކުރި އެވެ. އެކަން މެދުކެނޑުމަށް ފަހު، އަލުން އަނެއްކާ ވެސް ވަނީ ރަޖިސްޓްރީ އާއި ބިން ދޭން ފަށައިފަ އެވެ.