"ދަ އޭޝިޔާ ފައުންޑޭޝަން" ގެ އެހީތެރިކަމާއިއެކު، މުލަކަތޮޅު 05 ރަށަކަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ހަރަކާތްތަކެއް ބާއްވަން ހަމަޖެހިފައިވާކަމަށް، މ. މުލަކަށް ނިސްބަތްވާ ޖަމިއްޔާއެއް ކަމަށްވާ ކޮމިއުނިޓީ އެމްޕަވަރމަންޓް ލިންކޭޖް (ސެލް)ގެ އިވެންޓް ކޯޑިނޭޓަރ ޝާމިލް މުހައްމަދު ވިދާޅުވެއްޖެއެވެ.

''ހަލިނިއުސް'' އަށް މައުލޫމާތު ދެއްވަމުން ޝާމިލް ވިދާޅުވީ މި ޕްރޮޖެކްޓަކީ ދަ އޭޝިޔާ ފައުންޑޭޝަންގެ ފަރާތުން ޖަމިއްޔާތަކުގެ އެތެރޭގެ ހިންގުން ވަރުގަދަކޮށް، ޖަމިއްޔާތަކުގެ ދައުރު މުޖުތަމަޢުގައި ފުޅާކުރުމަށްޓަކައި ފަށާފައިވާ ސްޓްރެންތްނިންގ ޕްރޮގްރާމްގެ ދަށުން މުޖުތުމަޢު ހޭލުންތެރި ކުރުމަށް، ޖަމިއްޔާ ތަކަށް ދެވޭ ގްރާންޓްގެ ދަށުން ހިންގާ ޕްރޮޖެކްޓެއް ކަމަށެވެ.

އެގޮތުން އެ އަތޮޅު ދިއްގަރު، މަޑުއްވަރި، މުލައް އަދި މުލީގެ އިތުރުން ކޮޅުފުށީގެ މަތީ ގްރޭޑްތަކުގެ ސްކޫލް ކުދިންނަށާއި، މުއައްސަސާތަކުގެ މުވައްޒަފުންނަށާއި، އަދި ޒުވާނުންނަށް އަމާޒުކޮށްގެން، މިންތީގެ ހަމަހަމަކަމާއި، އަންހެނުން ބާރުވެރިކުރުމާއި، އަދި އިންސާނީ ހައްގުތަކާއި ގުޅޭގޮތުން، އެވެއަރނަސް ޕްރޮގްރާމްތައް މި އަހަރުގެ ޖޫންމަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށްވެސް ޝާމިލް ވިދާޅުވެފައިވެއެވެ.

މިޕްރޮޖެކްޓް ހިންގުމަށްޓަކައި ދަ އޭޝިޔާ ފައުންޑޭޝަނާއި، ސެލް ޖަމިއްޔާއިން މި ޕްރޮޖެކްޓްގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މި މަހު 7 ވަނަދުވަހުއެވެ.

ސެލްގެ ފަރާތުން މި ޕްރޮޖެކްޓްގައި ސޮއިކުރެއްވީ، އެ ޖަމިއްޔާ ޗެއަރ ޕަރސަން މުހައްމަދު ލަޠީފްއެވެ.

ސެލްއިން މީގެކުރިންވެސް ދަ އޭޝިއާ ފައުންޑޭޝަން ގެ އެހީތެރިކަމާއިއެކު، 2 ފިޔަވަށްސަކަށް ބަހާލައިގެން މިފަދަ ތަމްރީން ޕްރޮގްރާމްތަކެއް މ. މުލަކުގައި ހިންގާފައިވެއެވެ. އެގޮތުން އެޖަމިއްޔާގެ އެތެރޭގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން، ޖަމިއްޔާތަކާއި ގުޅުންހުރި ދާއިރާތަކަށް މެމްބަރުން އަހުލުވެރުކުރުމަށްޓަކައި، ތަމްރީން ޕްރޮގްރާމްތައް ހިންގުމާއި، އަދި އަންހެނުންނާއި، އަންހެންކުދިން ބާރުވެރި ކުރުމަށްޓަކައި ހިންގި ތަފާތު ޕްރޮގްރާމްތައް ހިމެނެއެވެ.