އައްޑޫ ސިޓީ ހިތަދޫ އާއި ހުޅުމީދޫ ބްރިޖު ހެދުމަށް މިސްރުގެ ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

މިކަން ހާމަކުރައްވާފައި ވަނީ އިއްޔެ ހަވީރު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުالله ނާޒިމްއެވެ. ނާޒިމް ވިދާޅުވީ އައްޑޫ ސިޓީ ހިތަދޫ އާއި ހުޅުމީދޫ ގުޅާލާ ބްރިޖު ހެދުމަށް މިސްރުގެ ކުންފުންޏެއް ކަމަށްވާ ދަ ޢަރަބް ކޮންޓްރެކްޓަރސްއިން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

އަދި މީގެއިތުރުން ބްރިޖުގެ މަސައްކަތް ކުރިއަށްގެންދިއުމަށް ހަދަން ޖެހޭ ސާވޭގެ މަސައްކަތް ހިލޭ ސާބަހަށް ކޮށްދޭނެ ކަމުގެ އިޝާރާތެއް އެކުންފުނިން ކޮށްފައިވާ ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ. އެހެންކަމުން އެގޮތަށް އެކަން ކުރާނަމަ އެ މަސައްކަތް އެ ކުންފުންޏާއި ގުޅިގެން ކުރިއަށްގެންދިއުމަށް އިކޮނޮމިކް ކައުންސިލުން ވަނީ ނިންމާފައެވެ.

އައްޑޫ ސިޓީ ހިތަދޫ އާއި ހުޅުމީދޫ ބްރިޖު ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޑޫގެ ރައްޔިތުންނަށް ވެ ވަޑައިގެންނެވި އެންމެ ބޮޑު އެއް ވަޢުދެވެ. މި ބްރިޖަކީ އައްޑޫގެ ރައްޔިތުންގެ އުއްމީދާއި ގުޅިފައިވާ މަޝްރޫއެކެވެ.