ސިފައިންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު މިނިސްޓްރީ އޮފް ޑިފެންސުން އާންމުކޮށް ހުޅުވާލައިފިއެވެ.
އެމްއެންޑީއެފުން ނެރުނު އިއުލާނުގައި ވަނީ ސިފައިންގެ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތެެއްކަމުގައިވުމާއި، އުމުރުން 18 އަހަރު ފުރި 25 އަހަރު ނުފުރޭ މީހަކު ކަމުގައިވުމާއި، ސިފައިންގެ ވަޒީފާ އަދާކުރެވޭފަދަ ސިއްހަތެއްގައި ހުރި މީހަކު ކަމުގައިވުން ހިމެނެއެވެ. އަދި ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ކުށުގެ ރެކޯޑެއް އޮތް މީހަކު ކަމުގައި ނުވުމާއި، އަދި އެއްވެސް ސިޔާސީ ޕާޓީއެއްގެ މެމްބަރެއް ކަމުގައި ނުވުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.
މީގެއިތުރުން ސިފައިންގެ ވަޒީފާއަށް މީހުން ހޮވުމުގައި ބަލާ ޝަރުތުތަކުގެ އިތުރުން ކުރެވޭ އިންޓަވިއުތަކަށާއި، ފުރަތަމަ އިންޓަވިއުއިން ފާސްވާ މީހުންނަށް ދެވޭ ފިޒިކަލް (ޕުޝްއަޕްސް، ސިޓްއަޕްސް، ޕުލްއަޕްސް، ދުވުން އަދި ސްވިމިންގ) އަދި އެޕްޓިޓިއުޓް ޓެސްޓުން އެމީހަކު ހޯދާ ނަތީޖާގެ އިތުރުން އިސްކޮޅާއި ހަށިގަނޑުގެ ރޫފައަށް ބެލޭނެއެވެ. އަދި، އުމުރުފުރާ ބަލާނީ 2024 ފެބްރުވަރީ 20 ވަނަ ދުވަހުގެ ނިޔަލަށެވެ.
އެ އިއުލާނުގައި ސިފައިންގެ ވަޒީފާއަށް އެދޭ ފޯމު ޑިފެންސް މިނިސްޓްރީގެ ވެބްސައިޓު www.defence.gov.mv އަދި އެމްއެންޑީއެފް ވެބްސައިޓް www.mndf.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެކަމަށާއި ވަޒީފާއަށް އެދޭ ފޯމާއެކު ޕޮލިސް ރިޕޯޓު ހުށަހަޅަން ޖެހޭނެ ކަމަށް ބުނެފައިވެއެވެ.
ވަޒީފާއަށް އެދޭ ފޯމު 2024 ފެބްރުވަރީ 15 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް އެމްއެންޑީއެފްގެ އޭރިއާ ކޮމާންޑްތަކުންނާއި ޑިފެންސް މިނިސްޓްރީން ބަލައިގަތުމަށް ހަމަޖެހިފައިވާއިރު، އީމެއިލް މެދުވެރިކޮށް ވެސް ފޯމް ހުށަހެޅޭނެ ކަމަށާއި އީމެއިލް މެދުވެރިކޮށް ފޯމް ހުށަހަޅާނީ [email protected] އަށް ކަމަށްވެސް އިއުލާނުގައި ވެއެވެ.
އެމްއެންޑީއެފުން އިތުރަށް ބުނީ އީ މެއިލް މެދުވެރިކޮށް ފޯމް ހުށަހަޅުއްވާ ފަރާތްތަކުން ފޯމް ވުޒާރާއަށް ލިބުނުތޯ ބެއްލެވުމަށް 7522601 މެސެޖް ކުރުމަށް އެ ވުޒާރާއިން އެދޭ ކަމަށާއި އަދި އެފަދައިން މެސެޖް ފޮނުއްވާ ފަރާތްތަކަށް ފޯނުން ޖަވާބު ދެވޭނެ ކަމަށެވެ.
ސިފައިންގެ ވަޒީފާއާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު، ފޯނު ނަމްބަރު 3035830 ، އަދި އެމްއެންޑީއެފްގެ ވެބްސައިޓް www.mndf.gov.mv އިން ލިބެން ހުންނާނެއެވެ.