މިދިޔަ އަހަރުގެ ފުރަތަމަ ދެ ހަފްތާއާ އަޅާބަލާއިރު، ސަރުކާރުގެ ހިންގުމުގެ ހަރަދު މިއަހަރުގެ ފުރަތަމަ ދެ ހަފްތާގައި ކުޑަކަމަށް، ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ސަރުކާރުގެ ހިންގުމުގެ ހަރަދު ކުޑަކަމަށް ދައްކާފައި ވަނީ ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ މާލީ ހިސާބުތަކުގައެވެ.

މިމަހުގެ 11 ވަނަ ދުވަހާއި ހަމައަށް ދައުލަތުން ކޮށްފައިވާ ހަރަދުތަކާއި ލިބިފައިވާ އާމްދަނީގެ އެންމެހާ ތަފްސީލުތައް ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓްގައި ހާމަކޮށްފައިވެއެވެ.

އެގޮތުން މިމަހުގެ 11 ވަނަ ދުވަހާ ހަމައަށް (ރިކަރަންޓް ހަރަދުތައް) ދައުލަތް ހިންގުމުގެ ހަރަދުތައް އުޅެނީ 392.2 މިލިއަން ރުފިޔާގައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ހަރަދުކޮށްފައިވަނީ 518.6 ރުފިޔާއެވެ. އެހެންކަމުން މިދިޔައަހަރުގެ ޖަނަވަރީ 11 އާ ހަމައަށް ދައުލަތްހިންގުމަށް ކޮށްފައިވާ ހަރަދުތައް މިދިޔަ އަހަރު ކުރި ހޭދައަށްވުރެ 24.3 އިންސައްތަ މަދު އަދަދެއް ކަމަށް ފިނޭންސް މިނިސްޓްރީގެ މާލީ ހިސާބުތައް ދައްކައެވެ.

ރިކަރަންޓް ޚަރަދުގެ ތަފްސީލަށް ބަލާއިރު، އިދާރީ ހިންގުމަށް 361.8 މިލިއަން ރުފިޔާ ހަރަދުވެފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު ދަށް އަދަދަކެވެ. މިދިޔަ އަހަރު މި މުއްދަތުގައި އިދާރީ ހިންގުމަށް 511.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. މުސާރައާއި އިނާޔަތްތަކަށް 4.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި 5.9 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.

ރިކަރަންޓް ހަރަދުގެ އިތުރުންވެސް، ދައުލަތުގެ އެހެން ބައެއް ހަރަދުތައްވެސް މިދިޔަ އަހަރުގެ ފުރަތަމަ 11 ދުވަހާއި އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ 11 ދުވަހު ކުޑަކަމަށް މާލީ ހިސާބުތަކުން ދައްކައެވެ.

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ 49.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަދި އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 33.5 ބިލިއަން ރުފިޔާ ލިބޭނެކަމަށްވެސް ވަނީ ލަފާކޮށްފައެވެ.

މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ދައުލަތުގެ ދަރަނި 119 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ. މިއީ ރާއްޖޭގެ މުޅި މާލީ ޙަޔާތުގައިވެސް ދިވެހި ތާރީޚު ދުށް އެންމެ ބޮޑު ދަރަންޏަށްވީނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މިކަންކަމުން އަރައިގަތުމަށްޓަކައި ހަރުދަނާ، ހަލުވި ފިޔަވަޅުތައް އަޅުއްވާނެކަމުގެ ޔަގީންކަން ދިވެހި ރައްޔިތުންނަށް ދެއްވާފައެވެ.

ފިނޭންސް މިނިސްޓަރީއިން އާންމުކުރި ތަފާސްހިސާބު ރިޕޯޓުގައި، 01 ޖެނުއަރީ އިން 04 ޖެނުއަރީ 2024 ގެ ނިޔަލަށް ލިބުނު އާމްދަނީ ވެސް ހިމަނާފައިވެއެވެ. އެގޮތުން މި މުއްދަތުގައި ލިބުނު އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ހިމަނާފައި ވަނީ 390.3 މިލިއަން ރުފިޔާއެވެ. މި ހަފުތާގައި އާމްދަނީ އަށް އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ ޓީޖީއެސްޓީއިން ކަން ވެސް ފާހަގަކޮށްފައިވެއެވެ.

މި މުއްދަތުގެ ޖުމްލަ ޚަހަރަދަކީ 524.0 މިލިއަން ރުފިޔާ ކަމަށްވާއިރު މި ހަފުތާގައި އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ އިދާރީ ހަރަދުތަކުންނެވެ.

މި މުއްދަތުގެ ޖުމްލަ ބާކީ އަދަދަކީ 133.7 މިލިއަން ރުފިޔާގެ ޑެފިސިޓެކެވެ. މިއީ އޭގެ ކުރީ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 31.1 ޕަސެންޓް ދަށް އަދަދެކެވެ.

ހަފްތާގެ ފިސްކަލް ޑިވެލޮޕްމަންޓްސްގެ ޚަރަދުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، އެ މުއާމަލާތްތައް ރެކޯޑް ކުރެވިފައި ވީ ނަމަވެސް ކޮންމެހެން ނަގުދު ފައިސާއިން ސެޓްލްކޮށްފައި ނުވާކަން އަންގައިދެއެވެ.