މިދިޔަ އަހަރު ރިލީޒްކުރި ޝާހްރުކް ޚާންގެ ފިލްމެއް ކަމަށްވާ "ޑަންކީ" މިއަހަރުގެ އޮސްކާ އެވޯޑްސްއަށް ހުށައަޅަން ޕްރޮޑިއުސަރުން ވިސްނަމުން އަންނަ ކަމަށް ހަބަރުތައް ބުނެފި އެވެ.

ޑަންކީ އޮސްކާއަށް ހުށައަޅާނީ އިންޑިއާގެ ރަސްމީ ނޮމިނޭޝަންގެ ގޮތުގައި ކަމެއް ނުވަތަ އަމިއްލަ ގޮތުން ކަމެއް ސާފުވެފައިނުވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ޝާހްރުކް ޚާންގެ އިތުރުން ތާޕްސީ ޕަންނޫއާއި ވިކީ ކައުޝަލް މުހިއްމު ރޯލުތަކުން ފެނިގެންދާ އެ ފިލްމަށް ބޮކްސްއޮފީހުގައި ބޮޑު ކާމިޔާބެއް ލިބިފައިވާއިރު އާއްމުންނާއި ފާޑުކިޔުންތެރިންގެ ފަރާތުން ވެސް އެ ފިލްމަށް ތައުރީފް ލިބުނެވެ.

އެހެން ނަމަވެސް އާއްމުން ފާހަގަކުރާ ގޮތުގައި "ޑަންކީ"އަށްވުރެ މިދިޔަ އަހަރު ނުކުތް ޝާހްރުކް ޚާންގެ އެހެން ދެ ފިލްމެއް ކަމަށްވާ "ޕަތާން"އާއި "ޖަވާން" އޮސްކާއަށް ހުށައެޅުން މާ ރަނގަޅުވާނެ އެވެ. އެއީ އެ ދެ ފިލްމަށް އާމްދަނީގެ ގޮތުގައި 1000 ކްރޯޑަށްވުރެ ގިނައިން ލިބިފައިވާއިރު "ޑަންކީ"އަށް ލިބުނީ 400 ކްރޯޑް ކަމަށްވާތީ އެވެ.

މީގެ ކުރިން ވެސް ޝާހްރުކް ޚާންގެ ފިލްމުތަކެއް ކަމަށްވާ "ސްވަދޭސް"އާއި "ޕަހޭލީ" ވެސް ވަނީ އެ އަހަރުތަކުގެ އޮސްކާ އެވޯޑްސްއަށް ހުށައަޅާފަ އެވެ.