މާލޭގެ މޭޔަރާއި ތިން ދާއިރާއަށް ކައުންސިލަރުން ހޮވުމަށް ބޭއްވި ބައި އިލެކްޝަން ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓު އަދި އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމާއި ތިން މެންބަރުން މިރޭ ހުވާ ކުރައްވައިފިއެވެ.
މިރޭ ދަރުބާރު ގޭގައި ބޭއްވި ރަސްމިއްޔާތެއްގައި މި ބޭބޭފުޅުން ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.
މާލޭސިޓީގެ މޭޔަރުކަމަށް އާދަމް އާޒިމްގެ އިތުރުން ބައި އިލެކްޝަން ބޭއްވި ކައުންސިލްގެ ތިން ގޮނޑީގެ ތެރެއިން ހެންވޭރު ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވި ޕީއެންސީގެ ކެންޑިޑޭޓް އައިމިނަތު ރިޝްފާ އާއި މާފަންނު ދެކުނު ދާއިރާގެ ކައުންސިލްގެ ގޮނޑި ކާމިޔާބު ކުރެއްވި ޕީއެންސީގެ ކެންޑިޑޭޓު ހަސަން ނިޒާމާއި މިރޭ ޕީއެންސީއަށް ސޮއިކުރެއްވި މެދުހެންވޭރު ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި އިންތިހާބުވެވަޑައިގެންނެވި ކައުންސިލް މެންބަރު އަހްމަދު ރިޝްވާން ވަނީ މިރޭ ހުވާ ކުރައްވާފައެވެ.
މިރޭ މާލޭގެ މޭޔަރުކަމުގެ ހުވާ ކުރެއްވި އާދަމް އާޒިމަކީ އިނގިރޭސި ވިލާތުގެ ނޮޓިންހަމް ޔުނިވަސިޓީން މާސްޓާސް އޮފް ބިޒްނަސް އިން ފައިނޭންސިން އަދި އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް އީސްޓް ލަންޑަން އިން ބެޗްލާ އޮފް އާޓްސް އިން އެކައުންޓިން އެންޑް ފައިނޭންސިން ދާއިރާ އިން ޑިގްރީ ހާސިލް ހާސިލް ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ.
އާދަމް އާޒިމް އެންމެފަހުން އަދާ ކުރެއްވި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމުގައި ވޭތުވެދިޔަ ހަތަރު އަހަރު ހުންނަވައި ވަނީ ބޮޑެތި ކާމިޔާބީތަކެއް ހޯއްދަވާފައެވެ. ރާއްޖޭގެ ތާރީހުގައި ލިިޔެވޭވަރުގެ ފުރިހަމަ ކުރިއެރުންތަކާއި ކާމިޔާބީތައް ވޭތުވެދިޔަ ވިއްސަކަށް އަހަރުގެ ތެރޭގައި އާޒިމްވަނީ ރާއްޖޭގެ އެންމެ ބޮޑެތި ކުންފުނިތަކުގެ ސަފުގައި ގުނާލެވޭ ކުންފުނިތަކުގެ އިސް މަގާމުތަކެއްގައި ހުންނަވައިގެން ހޯއްދަވައިދެއްވާފައެވެ. ދަތިއުނދަގޫ ގޮންޖެހުންތަކާއެކު ބޮޑެތި ކުންފުނިތައް ކޮޅަށް ޖައްސަވަން ހިތްވަރުކުރައްވައި މަގާމުތަކުގައި ފުރިހަމަ މަސްއޫލިއްޔަތު އަދާކުރެއްވި އިރު އާޒިމް ވެވަޑައިގެންފައި ވަނީ މުވައްޒަފުންނާ ގާތުން މަސައްކަތް ކުރައްވަވާ މުވައްޒަފުންގެ ލޯބި ލިބިވަޑައިގެންފައިވާ ވެރިއަކަށެވެ.
ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަދި މޯލްޑިވްސް ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމާއި، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް ސްޓްރަކްޗަރަލް ޕްރޮޑަކްޓްސްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަން އާޒިމް އަދާކުރައްވައިފައި ވެއެވެ.
އޭގެ ތެރެއިންވެސް އެމްޓީސީސީގައި އާޒިމް އަދާކުރެއްވި މަސްއޫލިއްޔަތު ހާއްސަކޮށް ފާހަގަކޮށްލެވެއެވެ. އެގޮތުން އެކުންފުނީގެ ދިގު ތާރީހަށް ބަލާއިރު، މިއަދު އެ ކުންފުނި ދަތުރުކޮށްފައިވާ މަންޒިލަށް ގެނެސް ދިނުމުގައި އާޒިމްގެ ލީޑަޝިޕް އަދި މަސައްކަތުގެ ރިވެތި އަހުލާގައި މީހުން ބިނާކޮށް ތަމްރީންކޮށް ދިނުމުގެ ހުނަރު ބޮޑު ދައުރެއް ވަނީ އަދާކުރައްވައިފައެވެ.