ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަން ކުރައްވާނީ ރައްޔިތުން އެދޭފަދައިން ރައްޔިތުންގެ ވިސްނުމާއި ފިކުރާ އެއްގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.

ނައިބުރައީސް ހުސައިން ލަތީފް މިހެން ވިދާޅުވީ، ޕީޕީއެމް/ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ޕްރައިމަރީގައި ވާދަކުރުމަށް އެދުނު އެންމެންނަށް ޕްރައިމަރީގައި ވާދަކުރެވޭ ގޮތް ހެދުމަށް ރައީސް އަދި ޕީއެންސީގެ ރައީސް މިއަދު ނިންމަވެވުމާ ގުޅިގެން އެކްސް ގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެކްސްޕޯސްޓުގައި ނައިބު ރައީސް ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒަކީ ރައްޔިތުންގެ އަޑުއައްސަވައި، ރައްޔިތުންގެ ފިކުރާއި ވިސްނުމާއި އެއްގޮތަށް ވެރިކަން ކުރައްވާނެ ވެރިއެއްކަމަށެވެ. އަދި އެމަނިކުފާނުގެ މުޅި ސަރުކާރު ބިނާކުރައްވަނީ ރައްޔިތުން އެދޭފަދަ ފުރިހަމަ ޚިދުމަތެއް ދެވޭނެ ބައްޓަމަށް ކަމަށާއި، މިސަރުކާރު އަބަދުވެސް އޮންނާނީ ރައްޔިތުންނާއެކު ކަމަށް ނައިބު ރައީސްވަނީ ވިދާޅުވެފައެވެ.

"ރައީސް ޑރ މުއިއްޒަކީ ރައްޔިތުންގެ އަޑުއަހައި، ރައްޔިތުންގެ ފިކުރާއި ވިސްނުމާ އެއްގޮތަށް ވެރިކަން ކުރާނެ ވެރިއެއް. އެމަނިކުފާނުގެ މުޅި ސަރުކާރު ބިނާ ކުރައްވަނީ ރައްޔިތުން އެދޭފަދަ ފުރިހަމަ ހިދުމަތެއް ދެވޭނެ ބައްޓަމަށް. ރައީސް ޑރ މުއިއްޒުގެ ސަރުކާރު އަބަދުވެސް އޮންނާނީ ތިޔަ ރައްޔިތުންނާއެކު،" ނައިބުރައީސް ހުސައިން މުހައްމަދު ލަތީފް އެކްސް ޕޯސްޓުގައި ވިދާޅުވިއެވެ.

ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގައި ވާދަކުރައްވަން ނަން ހުށަހެޅުއްވި ބައެއް ބޭފުޅުންނަށް ކުރިމަތިނުލެވޭ ގޮތަށް ނިންމުމާ ގުޅިގެން ހުށަހެޅި ޝަކުވާތަކަށް ރިއާޔަތް ކުރުމަށް ފަހުގައި ޕްރައިމަރީގައި ވާދަކުރަން ނަން ހުށަހެޅުއްވި ހުރިހާ ބޭފުޅުންނަށް ވާދަކުރެއްވޭ ގޮތަށް ޕްރައިމަރީ ބާއްވަން ރައީސް މުއިއްޒު ނިންމަވާފައިވާކަން ހާމަކުރައްވާފައި ވަނީ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲއެވެ. މިވާހަކަ އަބްދުއްރަހީމް ހާމަކުރެއްވީ އެކްސްޕޯސްޓެއްގައެވެ.