ސޯޅަވަނަބައި

ހަތަރު ގަޑި ބައިވީއިރު ޔޫޝައު ހުރީ އައިކާ ބަލާ އައިހެވެ. އައިކާ ބޭރަށް ނުކުތް ވަގުތަކީ އައްޒާމް އައިސް ގެއަށް ވަންނަން ދިމާކުރި ވަގުތެވެ. އޭނާ އައިކާއަށް ބަލާލިއިރު އައިކާގެ ނަޒަރު ހުއްޓިފައި ހުރީ މަގުގެ އަނެއް ފަޅީގައި ސައިކަލުގައި މަޑުކޮށްލައިގެން އިން ޔޫޝައުއަށެވެ. އައިކާ ގޮސް ޔޫޝައުގެ ސައިކަލު ފަހަތަށް އަރަމުން ގޭ ދޮރާއި ދިމާއަށް ބަލާލީ އައްޒާމް ހުރެދާނެކަމަކަށް ނޫނެވެ. ނަމަވެސް އައްޒާމް އޭނާއަށް ބަލަން ހުރިތަން ފެނުމުން އޭނާގެ މޫނަށް ނުރުހުމުގެ އަސަރު ވެރިވިއެވެ. އެރޭގެ ހާދިސާއަށްފަހު އޭނާގެ ހިތުގައި އައްޒާމްއަށްޓަކައި ވަނީ ފޫހިކަން އުފެދިފައެވެ. އޭނާ ސައިކަލަށް އަރައި ހަމަޖެހިލާފައި ޔޫޝައުގެ ގައިގައި ބައްދާލަމުން އައްޒާމްއަށް ބަލާލިއެވެ. އެވަގުތު ޔޫޝައުގެ ތުންފަތަށް ވެރިވި ހިނިތުންވުން ފެނިފައި އައްޒާމްއަށް ދަތްކުނޑި ވިކާލެވުނެވެ. ސައިކަލު ދުއްވާލުމާއެކު އައިކާ އައްޒާމްއަށް ބަލާލާފައި އެއްމިޔަކަނުން ހީލުމުން އައްޒާމްއަށް އައި ރުޅީގައި އަތް މުށްކަވާލެވުނެވެ."މީ އަދި ހާދަ ގަދަވެގެން އުޅޭ އަންހެނެކޭ ދޯ.. ހުރެބަލަ ނިކަން.. ގަދަވެގެން އުޅޭ ރަހަ ފިލުވާލާނަން މިފަހަރު.." އައްޒާމް ފާރުގައި ގޮށްމުށުން އެތިފަހަރެއް ޖެހުމަށްފަހު ހަރު ފިޔަވަޅުތަކެއްގައި އެތެރެއަށް ވަނެވެ. އައްޒާމް ގޭތެރެއަށް ވަތްއިރު ސިޓިންގރޫމުގައި އެއްވެސް މީހަކު ނެތްކަން އެއީ ނަސީބެކެވެ. ނޫންނަމަ އޭނާއަށް އެ ރުޅިގަނޑު އެމީހަކަށް ބޭލުނީހެވެ. އައްޒާމް މަޑުވެސް ކޮށްނުލާ ގޮސް އޭނާގެ ކޮޓަރިއަށް ވަދެ ތަޅުލިއެވެ."ހެލޯ! އޭތް ބްރޯ.. އެބަ ބޭނުންވޭ ކުޑަ ހެލްޕެއް.. މިއުޅެނީ މާ ފުއްޕައިގެން އުޅޭ އަންހެން ގޮލައެއް ސައިޒްކޮށްލަން ޖެހިގެން.. އެކަމަކު އަހަރެން ބޭނުންވަނީ ވަރަށް ސިއްރުން މިކަން ކޮށްލަން.. އެހެން އެއްވެސް މީހަކަށް އެއީ އަހަރެންގެ ކަމެއްކަން ޝައްކުވެސް ނުވާނެހެން.." އައްޒާމް ފޯނުން އޭނާގެ ރައްޓެއްސަކާ ފޯނުން ވާހަކަދެއްކިއެވެ. ފަސްވަރަކަށް މިނެޓް ވަންދެން ސިއްރު ވާހަކަތަކެއް ދެއްކުމަށްފަހު ފޯނު ބޭއްވިއިރު އައްޒާމްގެ މޫނުމަތީގައިވަނީ ނުލަފާ ހިނިތުންވުމެކެވެ.**********ޔޫޝައު އައިކާ ގޮވައިގެން ދިޔައީ ރަސްފަންނުގެ ހިތްގައިމު މާހައުލަށެވެ. ހަވީރުގެ ވަގުތުކަމުން އެ ސަރަހައްދުގައި އާދަޔާ ޚިލާފަށް މީހުން ގިނައެވެ. ނަމަވެސް ތާޒާ ވައިރޯޅިތަކުން ހިތަށް ހަމަޖެހުން ލިބުމުން އައިކާ ފުން ނޭވައެއް ދޫކޮށްލިއެވެ."ހޫމް.. އެހާ ވަރަކުން ކޮން ވާހަކައެއް ދައްކާށޯ ތިއުޅެނީ؟" ޔޫޝައު ސަމާސާކޮށްލިއެވެ."މީ އަހަރެން ވަރަށް ސީރިއަސްކޮށް ދައްކާ ވާހަކައެއް އިނގޭ.. ޔޫޝްވެސް މިކަމާ ސީރިއަސްވެ، މިކަމާ ދެކޮޅު ނުހަދާނެކަމަށް އަހަރެން އުއްމީދުކުރަން.." އައިކާ އެހެން ބުނެލުމުން ޔޫޝައު އައިކާއަށް ބަލާލީ ކުރިއަށް ގެންދާށޭ ބުނާފަދަ ގޮތަކަށެވެ."އަހަރެން ބުނަން އުޅުނީ އަހަރެން އަދި ކިޔަވަން ބޭނުމޭ..""ދެން ކައިވެންޏޯ؟" ޔޫޝައު ކުޑަކޮށް ހިތްހަމަނުޖެހިފައި އަހާލިއެވެ."އިހަށް އަހަރެން ދައްކާ ވާހަކަ ނިމެންދެން އަޑުއަހާބަލަ.." އައިކާ ޔޫޝައުގެ އަތުގައި ހިފާލުމުން ޔޫޝައު ބޯޖަހާލިއެވެ."އަހަރެން ނުބުނަމެއްނު ކައިވެނި ލަސްކުރާކަށް ނޫނީ ނުކުރާނަމެކޭ.. އަހަރެން މި ބުނަން އުޅެނީ ކައިވެނި ކުރެވުނަސް އަހަރެން އެހާ އަވަހަށް ކުއްޖަކު ހޯދާކަށް ބޭނުމެއް ނޫނޭ.." އައިކާ އެހެން ބުނެލުމުން ޔޫޝައުއަށް އޭނާގެ ބޮލުގައި ހިފަހައްޓާލެވުނެވެ. އައިކާ އެ ދައްކާ ވާހަކަ އޭނާއަށް ޤަބޫލުކުރަން ދަތިވިއެވެ."އިކާ! ތީ ސަމާސާއެއްތަ ނޫނީ ސީރިއަސްކޮށް ބުނާ އެއްޗެއްތަ؟" ޔޫޝައު ބޭނުންވީ އައިކާ އެހެން އެބުނި ނިޔަތް ޔަޤީންކުރާށެވެ."އަހަރެން ސީރިއަސް.." އައިކާގެ ޖަވާބު ވަރަށް ކުރެވެ."އިކާ! ކީއްވެ ދައްކާ ވާހަކައިގެ ރާގު މިނެޓުން މިނެޓަށް ބަދަލުވަނީ؟ މިހާ ދުވަސް ވަންދެން ކިޔަނީ މެރީކޮށްގެން އަވަހަށް ދަރިއަކު ހޯދާ ވާހަކަ.. އެއްކުއްޖަކު ހޯދާފަ ދެން އިތުރު ކުއްޖަކު ހޯދުން ލަސްކޮށްލާނީކަމަށް.. މިހާރު ތިކިޔަނީ ކީކޭ؟" ޔޫޝައު ވަރަށް ހިތްހަމަނުޖެހުނެވެ."އަހަރެންނަށް އެނގޭ ޔޫޝް ވަރަށް ދަރިއަކު ބޭނުންކަން.. އަހަރެންވެސް ބޭނުން.. އެކަމަކު އަހަރެން ބޭނުން އިތުރަށް ކިޔަވަން.. މިޒަމާނުގަ އަންހެނުންނަކަސް ޖެހޭނެ ރަނގަޅަށް ކިޔަވަން.. އަހަރެމެންނަށް ލިބޭ ދަރިންނަށް ރަނގަޅު ތަރުބިއްޔަތެއް ދީ ރަނގަޅު ތަޢުލީމެއް ހޯދައިދެވޭނީވެސް އަހަރެމެންނަކީ ރޯ ފިލާފައިވާ ބަޔަކަށްވެގެން.." އައިކާ ވާހަކަދެއްކީ ވަރަށް ވިސްނުންތެރިކަމާއެކުއެވެ."އެކަމަކު އިކާ ކުރިން ތިވާހަކަ ބުނިނަމަ..""މާނައަކީ ޔޫޝް އަހަރެންނާ މެރީކުރަން ތިއުޅެނީ ހަމައެކަނި ދަރިއަކު ހޯދަންވެގެންނޭ ދޯ؟" އައިކާ އެހެން އަހާލުމުން ޔޫޝައު ބޯ ހޫރާލިއެވެ."ނޫން.. ހަމައެކަނި އެހެންވެއެއް ނޫން.. އަހަރެންނަށް އިކާގެ މިޒާޖާ ހުރިހާ ކަމެއްވެސް ކަމުދިޔައިމަ އެކުގަ ރީތި ދިރިއުޅުމެއް އުޅެންވެގެން.. ޕްލަސް ދަރިއަކު ބޭނުންވާތީއާވެސްއެކު.. އަހަރެން ބޭނުން ވީހާވެސް އަވަހަކަށް ކުއްޖަކު ހޯދަން.. އަހަރެން އެކަމަށް އެދިއެދި ހުންނަތާ ލައްކަ ދުވަސްވެއްޖެ.. އަދި އެއީ އަހަރެންގެ މަންމަގެވެސް ވަރަށް ބޮޑު ހުވަފެނެއް.. މަންމަގެ ދުނިޔޭގަ މަންމައަށް މާމަ ދަރިއަކު ލިބުން.. އަހަރެން އުއްމީދުކުރަން އިކާ އަހަރެންގެ އުއްމީދުތައް ފެނަށް ދުއްވާނުލާނެކަމަށް.." ޔޫޝައު މަޑުމައިތިރިކަމާއެކު ވާހަކަދެއްކިއެވެ. އައިކާ އެއްޗެކޭ ނުބުންޏެވެ. އޭނާ އިނީ ފުން ވިސްނުމެއްގައެވެ."އިކާ ބޭނުމިއްޔާ ދަރިއަކު ހޯދިޔަސް ކިޔެވިދާނެ.. އަހަރެން އިކާއަށް އެފުރުސަތު ފަހިކޮށްދޭނަން.. އިކާ ބޭނުން ތާކުން ކިޔެވޭނެގޮތް އަހަރެން ހަދައިދޭނަން.. އިކާއަށް ދަތިވިޔަ ނުދޭން އަހަރެން އިކާއާއެކު ދިރިއުޅުން ބަދަލުވެސް ކޮށްފާނަން.. ލަމްހާވެސް ގޮވައިގެން.. އޭރުން އިކާ ކިޔެވުމުގައި ހޭދަކުރާ ވަގުތުގަ ލަމްހާއަށް ދަރިފުޅު ބެލޭނެ.. އަހަރެންވެސް ހުންނާނަން.. މަންމަވެސް ހުންނާނެ..""އެކަމަކު އަހަރެން ހިތަށްއަރަނީ ދަރިއަކު ވިހާ ހިސާބުން ޔޫޝްއަށް އަހަރެންގެ ބޭނުން ކެނޑޭނެޔޭ.. އަހަރެން މަތިން ފޫހިވާނެޔޭ.. އޭރުން އަހަރެން ބާކީވާނެޔޭ.. އޭރުން އަހަރެންނަށް އަހަރެންގެ ޅަދުވަސް ގެއްލުނީ.. ދަރިފުޅުގެ މުސްތަޤުބަލުވެސް ގެއްލުނީ.. އޭރުން އަހަރެންނަށް ނުކިޔެވުމުގެ ހިތިކަން އޮންނާނީ ފެންނަން.." އައިކާ އޭނާގެ ހިތަށް އަރާ ފައިބަމުންދާ އެއްޗެހިތައް ބޭރުކޮށްލިއެވެ."އިކާ! އިކާ އަހަރެންނާ ދޭތެރޭ ތިކަހަލަ ގޮތަކަށް ތި ވިސްނީ ކީއްވެ؟ އިކާއަށް ހީވަނީތަ އަހަރެން އިކާއާ މި އިންނަނީ ހަމައެކަނި އިކާގެ ބޭނުން ހިފާލާށޭ؟ އެހެންނަމަ މިހާރުވެސް އެކަން ކުރެވުނީސް.. އެކަމް އަހަރެންނަކީ އެހާ ނުބައި މީހެއް ނޫން.. އަހަރެން އިކާގެ ނުރުހުމުގަ އިކާ ގައިގަ އިނގިލި ކުރިވެސް ޖައްސާލާފައެއް ނޯންނާނެ.. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތާވެސް އަހަރެން ހުންނާނީ މިގޮތުގެ މަތީގަ.. އިކާއަށްވެސް އަދި އަހަރެންނަށްވެސް ރަނގަޅަކަށް އަވަހަށް ކައިވެނި ކުރަން މި ނިންމީ.. އަހަރެންގެ ނަޒަރުގަ އަންހެނުންނަކީ ވަރަށް މަތިވެރި ބައެއް.. ވަރަށް ޢިއްޒަތާ ޤަދަރު ދޭންޖެހޭ ބައެއް.. އެހެންވެ އަހަރެންނަށް އިކާގެ ޢިއްޒަތަށް ހުތުރުވާ ކަހަލަ ކަމެއް ކުރެވިދާނެތީ އަވަހަށް ކައިވެނި ކުރަން ބޭނުންވަނީ.. ދެން ކީއްވެ އިކާ އަހަރެންނާ ދޭތެރޭ ތިހާ ގޯސްކޮށް ތި ވިސްނީ؟ މި ހުރިހާ ދުވަހު އެކީ އުޅުނުއިރުވެސް އިކާއަށް އަހަރެންނަށް އިތުބާރު ނުކުރެވެނީތަ؟" ޔޫޝައު ދެރަވެފައި ވާހަކަދެއްކި ގޮތުން އައިކާވެސް ދެރަވިއެވެ."ނޫން ޔޫޝް.. އަހަރެން ޔޫޝްއަށް އިތުބާރުކުރަން.. އަހަރެންނަށް އެކަހަލަ ގޮތަކަށް ވިސްނުނީ އަހަރެންގެ ލޮލަށް ފެނިފަ ހުރި ބައެއް މަންޒަރުތަކުން.. އަހަރެންނަށް މާފްކުރޭ.. ދެން ދުވަހަކުވެސް އެކަހަލަ ވާހަކައެއް ނުދައްކާނަން.. އަހަރެން ޔޫޝް ބޭނުންވާ ގޮތަށް ކަންތައް ކޮށްދޭނަން.." އައިކާ ޔޫޝައުގެ ފުރަގަހުން ބައްދާލަމުން ރޯން ފެށިއެވެ."ޕްލީޒް އިކާ.. ނުރޮއިބަލަ.. މިތާގަ ތިބި މީހުންވެސް މިހާރު އެ ބަލަނީ މިދިމާ.. އެމީހުން ކީކޭ ހީކުރާނީ؟ އަވަހަށް ހުއްޓާލާ.. އަހަރެން އެހެން ބުނީ އިކާ ދެރަކުރާކަށް ނޫނޭ.. އިކާ އެގޮތަށް ވާހަކަދެއްކީމަ ދެރަވެގެން އެހެން ވާހަކަ ދެއްކުނީ.. ސޮރީ ޑާރލިންގ.." ޔޫޝައު އައިކާގެ ދެލޯ ފޮހެލައިދެމުން ބުނެލިއެވެ."ސޮރީ!""އިޓްސް އޯކޭ ޑާރލިންގ.. ދެން ހިނގާ ދަމާ.." ޔޫޝައު ބުނެލިއެވެ."ހިތްހަމަނުޖެހިފަތަ؟" ޔޫޝައު އެހާ އަވަހަށް ދާން އުޅޭތީ އައިކާ އަހާލިއެވެ."ނޫން.. އެކަމް ދެރަވެފަ..""އަހަރެން ޔޫޝް ބޭނުންވާ ކަންތައް ކޮށްދޭނަމޭ.. ހަމަ ކޮށްދޭ ހިތުން.." އައިކާ ހިނިތުންވެލަމުން ބުނެލިއެވެ."އަސްލުވެސްތަ؟ ހަމަ ބުނި ކޮންމެ ކަމެއްވެސް ކޮށްދޭނަންތަ؟" ޔޫޝައު އައިކާއަށް ބަލާލަމުން ލާނެތް ގޮތަކަށް އަހާލިއެވެ."އާނ.." އައިކާ ވިސްނާލުމެއްވެސް ނެތި ބުނެލިއެވެ."އެހެންވިއްޔާ އަވަހަށް ހިނގާ.." ޔޫޝައު އެހެން ބުނެލުމުން އައިކާއަށް ޔޫޝައު ބުނި ބަހުގެ މާނަ ވިސްނުނެވެ."ނޯ ނޯ.. އަދި ފަސްދުވަސް ފަހުން.." އައިކާ އެހެން ބުނެލަމުން ދުއްވައިގަތުމުން ޔޫޝައުވެސް ދުއްވައިގަތެވެ. ދެމީހުން ސައިކަލާއި ހަމައަށް ދެވުނުއިރު ވަރުބަލިވެއްޖެއެވެ."މުޅިން ވަރުބަލިވެއްޖެ.. މީ ޔޫޝްގެ ކަންތަކޭ.. ހެދުންވެސް ގައިގަ ތަތްލާ އެބަ.. ހިނގާ އަވަހަށް ގެއަށްދާން.. ފެންނުވަރާ ހިތްހަމައެއް ނުޖެހޭނެ ދެން.." އައިކާ އަނގައަށް ފޫހި ވައްތަރެއް ޖައްސާލިއެވެ."ބުރެއް ޖަހާލާފަ ދޯ ދާނީ.. އޭރުން ފިނިވެގެން ގެއަށް ދެވޭއިރަށް ހުންނާނީ އޯކޭވެފަ.." ޔޫޝައު އެހެން ބުނެލުމުން އައިކާވެސް އެންމެ ރަނގަޅޭ ބުނެ އެއްބަސްވިއެވެ. މާލެ ވަށާ ބުރެއް ޖަހާލުމަށްފަހު ޔޫޝައުއަށް އައިކާ ގޮވައިގެން ގެއަށް ދެވުނީ މަޣްރިބު ނަމާދު ބަންޤި ގޮވަނިކޮށެވެ. އެއަށްވުރެ އަވަހަށް ދާން ބޭނުންވީނަމަވެސް ޓްރެފިކް ބާރުބޮޑުކަމުން ވީވަރެވެ.އައްޒާމް ބެލްކަންޏަށް ނުކުތް ވަގުތު ޔޫޝައުގެ ސައިކަލުން އައިކާ ފައިބަނިކޮށް ފެނުމުން ބަލަން ހުރެވުނެވެ. އެދެމީހުން ނުހަނު ގުޅޭކަން އައްޒާމްވެސް ޤަބޫލުކުރެވުނެވެ. ޔޫޝައުގެ ނަސީބާއިމެދު އޭނާ އިންތިހާއަށް ހަސަދަވެރިވިއެވެ. ކޮންމެ ގޮތެއްވިޔަސް އައިކާފަދަ ތާޒާ މަލަކުން ފުރަތަމަ ފޮނިކޮޅު ބޯލެވެން ޖެހޭނީ އޭނާއަށެވެ. އެހެން މާބުރަކަށް އެމަލުން އުފަލެއް ހޯދެން ޖެހޭނީ އޭނާއަށްފަހުއެވެ. އައްޒާމް ބެލްކަނީގެ ރެއިލިންގގައި އަތުން ޖަހާލަމުން އެތެރެއަށް ވަނެވެ.**********މާޒް އަތިރިމަތީގައި އިނީ އޭނާގެ ދިރިއުޅުމާއިމެދު ވިސްނާލުމަށެވެ. އައިކާ އޭނާއާއި އެހާ ދުރުވެދާނެ ކަމަކަށް އޭނާ ފަހަރެއްގައިވެސް ހިއެއް ނުކުރެއެވެ. ނަމަވެސް އައިކާ މާލެ ދިޔަ ހިސާބުން އޭނާއާއި އޮތް ރަޙުމަތްތެރިކަމުގެ ގުޅުން އެއްކޮށްހެން ކެނޑިގެން ދިޔައީއެވެ.އިރުއޮއްސި އަނދިރިވީ ފަހުން މާޒް ގެއަށް ދާން ހިނގައިގަތެވެ. އޭނާގެ ގެއާ ނުހަނު ގާތްވެފައި ވަނިކޮށް ލިހާމްއާ ދިމާވިއެވެ. މާޒް އުޅުނީ ލިހާމް އެއްޗެކޭ ބުނުމުގެ ކުރިން ގެއާ ހަމައަށް ފޯރާތޯއެވެ. ނަމަވެސް އޭގެ ކުރިން ލިހާމް ސައިކަލުގައި އައިސް މާޒްގެ ކައިރިއަށް މަޑުކޮށްލިއެވެ."މަޑުކޮށްލަބަލަ.. އަހަރެން އެބައޮތޭ ވަރަށް ބޮޑު ވާހަކައެއް ދައްކާލަންވެފަ.." ލިހާމްގެ އަޑުގައިވާ މަލާމާތުގެ އަސަރު މާޒް ދެނެގަތެވެ."ލިހާމް އަހަރެންނާ ދައްކަންޖެހޭ އެއްވެސް ވާހަކައެއް ނޯންނާނެ.. ބޭކާރު ކަންތައް ކުރަން ނޫޅުނިއްޔާ ރަނގަޅުވާނީ.." މާޒް އެހެން ބުނެލުމަށްފަހު ގެއާ ދިމާއަށް ހިނގައިގަތެވެ."އަހަރެންނަށް މިހާރު ވިސްނިއްޖެ.. ހިނގާ މިގޮތް ދޫކޮށްލާފަ ދެމީހުން ފްރެންޑްވަމާ.." ލިހާމްގެ އަޑަށް މާޒް ފަސްއެނބުރި ބަލާލިއެވެ. އަދި މަޑު ހިނގުމެއްގައި ގޮސް ލިހާމްގެ ގާތުގައި މަޑުކޮށްލިއެވެ."އަހަރެން ވަރަށް އުފާވެއްޖެ.. އަހަރެންނަށް އޭރުވެސް އެނގުނު މާޒް އަހަރެންނަށް މާފްކޮށް އަހަރެންގެ ފްރެންޑް ރިކުއެސްޓް ޤަބޫލުކުރާނެކަން.. އަހަރެންނަށް ކުރިން ނުވިސްނުނީ.. ރަށު ރައްޔިތުން ބަދަލުވީއިރުވެސް ގޮތް ދޫނުކުރަންވެގެން ހުރެވުނީ.. އައިމް ސޮރީ ބްރޯ.." ލިހާމް އޭނާގެ މަކަރުވެރިކަން ފޮރުވަމުން ވާހަކަދެއްކިއެވެ."ހުއް.. ކަލޭ ހީކުރީ އަހަރެންނަކީ މޮޔައެއް ކަމަށްތަ؟ ހީނުކުރައްޗޭ އަހަރެންނަށް ކަލޭގެ މަކަރު ނޭނގޭނެޔޭ.. ކަލޭ ތީ ދުވަހަކުވެސް އަހަރެންނަށް އަދި އަހަރެންގެ އާއިލާއަށްވެސް ހެޔޮއެދޭނެ މީހެއް ނޫންކަން އަހަރެންނަށް އެނގޭ.. އެކަން ކަލޭ އޮތީ ވަރަށް ރަނގަޅަށް ސާބިތުވެސް ކޮށްދީފަ.. މިވީހާ ދުވަހު އަހަރެންނަށް އެކި ގޮތްގޮތުން ޖެއްސުންކޮށް މަލާމާތް ކުރަމުން ހިނގިކަން އެއީ އެކަމުގެ ހެއްކެއް.. އެހެންވީމަ ކަލޭގެ ތި މޮޅެތި ޑައިލޮގުތައް އަޑުއަހާކަށް އަހަރެންގެ އެއްވެސް ޝައުޤުވެރިކަމެއް ނެތް.. ކޮންމެވެސް އެހެން މީހެއްގެ ބޮލަށް އެރެވޭތޯ ދާންއުޅޭ.." މާޒް އޭނާ ކިޔަން ބޭނުންވާހާ އެއްޗެއް ކިޔާފައި އަނެއްކާވެސް ގެއާ ދިމާއަށް ހިނގައިގަތެވެ."އެނގޭތަ މި ފެށޭ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ އައިކާއާ ޔޫޝައުގެ ކައިވެނި އޮންނަކަން؟" ލިހާމްގެ އެންމެ ޖުމްލައަކުން މާޒްގެ ދެފައިގައި ކަސްތޮޅެއް އެޅުނު ފަދައެވެ. އޭނާއަށް ބޭއިޚްތިޔާރުގައި ލިހާމްއާ ދިމާއަށް ބަލާވެސްލެވިއްޖެއެވެ."ނޭނގޭ ދޯ؟ އައިކާއެއް ނުބުނޭތަ؟ ވާން އުޅެ ނުވި މައިދައިތަވެސް ނުބުނޭތަ؟ ކިހާ ދެރަ.. އެއިންވެސް އެނގެނީ އެމީހުންނަށް ކަލޭގެ އެއްވެސް އަގެއް ނެތްކަން.. ކީއްކުރާނީ؟ ކަލޭގެ ކާފަގެ ސަބަބުން ކަލޭގެ މުޅި އާއިލާއަށް ވަނީ އޭގެ ސުންޕާ ހިޔަނި އެޅިފަ.. އެކަމާ ހެދި ކަލޭ ހުރިހާ ޚަރަދެއް ކޮށްދިން އައިކާވެސް ކަލޭގެ ލޯތްބަށް ފުރަގަސްދީ އެ އިންނަނީ މާލޭގެ މުއްސަންޖަކާ.. ކީއްކުރާނީ؟ ކަލޭ ފަސް އަހަރު ވަންދެން ކުރި އިންތިޒާރު ބޭކާރު.." ލިހާމްގެ މަލާމާތްތަކަށް މާޒްގެ ފަރާތަކުން އެއްވެސް ރައްދެއް ނުލިބުނެވެ."އެކަމަކު ކަލޭ ބުނިން ދޯ އައިކާ ހާސިލްކޮށްފަ ނޫނީ ހުއްޓައެއް ނުލާނަމޭ.. އޭރުވެސް އަހަރެން ނުބުނަންތަ ތީ ބޭކާރު ކަމެކޭ.. ތިކަމެއް ކަލޭއަކަށް ނުވާނެޔޭ.. އޭރުވެސް އަހަރެން ބުނި ބަސް ޤަބޫލުކޮށްގެން ހުރިނަމަ މިއަދު ތިހެން ހިތް ކުދިކުދިވެގެން ދާކަށް ނުޖެހުނީސް.. އަދިވެސް އުޅޭތި މާ މޮޅު، މާ ގަދަ މީހަކަށް ވެގެން.. ތާހިރު ވެއްޖެއެއްނު.. މިހާރު ހުންނާނީ އައިކާ ލިބިފަ.. ދެންވެސް ރަނގަޅުވާނީ ކަލޭ އައިކާއާ ދުރުގަ ހުރިއްޔާ.." ލިހާމް އަދިވެސް ހުއްޓާލާކަށް ގަސްތެއް ނުކުރެއެވެ."އައިކާ އުފަލުގަ ހުރިއްޔާ އަހަރެން ހުންނާނީ އުފަލުން.. އެކަމަކު އަހަރެންގެ އުމުރު ހުސްވަންދެންވެސް އަހަރެން ހުންނާނީ އައިކާގެ އިންތިޒާރުގަ..""ކަލޭ އުމުރު ދުވަހު ތެޅުނަސް އައިކާއެއް ނުލިބޭނެ.. އެއަށްވުރެ މާ ރަނގަޅުވާނެ ކަލޭ އެ ނާޒްއާ އިނަސް.." ލިހާމް މަލާމާތުގެ ރާގަކަށް ބުނެލިއެވެ."އަހަރެންނަށް ރަނގަޅުވާނެ ގޮތާއި ނުބައިވާނެ ގޮތް ކިޔައިދޭކަށް ލިހާމްއަކަށް ނޭނގޭނެ.. އެހެންމީހުންގެ ދިރިއުޅުމަށް ފާޑުކިޔުމަށްވުރެ މާ ރަނގަޅުވާނެ އަމިއްލަ ދިރިއުޅުން އުޖާލާކުރަން މަސައްކަތް ކުރިއްޔާ.. ގުޑް ލަކް!!" މާޒް އެހެން ބުނެލުމަށްފަހު މަޑުވެސް ކޮށްނުލާ ގޮސް އޭނާގެ ގެއަށް ވަނެވެ. އޭނާ ގޮސް ގޭތެރެއާ އަރާ ހަމަވީއިރު ސިޓިންގރޫމުގައި ރަމްޒިއްޔާއާއި މަންސޫރު ތިބީ މާޒްގެ އުޅުމަށް އައިސްފައިވާ ބަދަލުތަކާއި ބެހޭގޮތުން ވާހަކަދައްކާށެވެ."މަންސޫރު! މާޒް ވަރަށް ބޮޑަށް ބަދަލުވެއްޖެ.. ރަނގަޅަކަށް ނުވެސް ކައި.. ހީވަނީ ރޭގަނޑު އުޅެނީވެސް ނުނިދާހެން.. ދުވާލު ނިދާ ވަގުތު ގިނަ.. އޭނައަށް އަހަރެމެންގެ ހަޤީޤަތް އެނގުނު ފަހުން އަހަރެމެންނަކާ އެހާ ވާހަކައެއްވެސް ނުދައްކާ.. އަހަރެންނަކަށް މިހެނެއް ކެތެއް ނުކުރެވޭނެ.. މިހެން ވާނެކަން އެނގޭތީ އަހަރެން އޭރުވެސް އެވާހަކަ ނުދައްކަން ހުރީ.." ރަމްޒިއްޔާގެ ލޮލުން ކަރުނަ ހިލުނީ ބަސްބުނާހާ ހިނދުންނެވެ."ރަމްޒިއްޔާ! ނުރޮއި.. މާޒްއަށް އަދި ވަގުތު ބޭނުންވާނެ.. ރަމްޒިއްޔާވެސް ވިސްނާލަބަލަ.. އުމުރު ދުވަހު އަހަރެމެންނަށް މިކަން ސިއްރު ކުރެވޭނެތަ؟ އެހެން މީހެއްގެ ފަރާތުން މިކަން އެނގުނީމަ އޭނަގެ ހިތް އަހަރެމެންގެ މައްޗަށް މާ ގޯސްވާނެ.. އެހެންވެގެން އަހަރެން މިވާހަކަ ދައްކަން ބޭނުންވީ.. އަހަރެން ބޭނުންނުވީ އުމުރު ދުވަހު އޮޅުވާލުމެއްގެ ތެރެއިން ދަރިއެއްގެ ވިޔަސް ލޯބި ހޯދަން.. އަހަރެންގެ ހިތް ބުނަނީ މާޒްއަށް އަހަރެމެން މި ކަންތައް ކުރީ ހަމަ އެންމެ ރަނގަޅަށްކަން ވިސްނޭނެޔޭ.. އޭނައަކީ އެހާ ނުވިސްނޭ ކުއްޖެއް ނޫން.. އަހަރެންނަށް ހީވަނީ މާޒްއަށް އައިސްގެން އެއުޅޭ ބަދަލުތަކަކީ ހަމައެކަނި މި ހަޤީޤަތުގެ ސަބަބުން އައިސްގެން އުޅޭ ބަދަލުތަކެއް ނޫންހެން.. މިކަމާ އައިކާއާވެސް ގުޅުން އެބަހުރިކަމަށް އަހަރެންގެ ހިތް ބުނަނީ.." މަންސޫރުގެ ވާހަކައަށް ރަމްޒިއްޔާވެސް ބޯޖަހާލިއެވެ."އާނ.. ހަމަ ޔަޤީން.. އަޅެ އައިކާ މާޒްއާ ގުޅުނުނަމަ.. އަދި އިރާދަކުރެއްވިއްޔާ އައިކާ އަހަރެމެންގެ ދަރިއެއްގެ ގޮތުގަ މިގެއަށް އަންނާނެ.." ރަމްޒިއްޔާ އެތައް ދުވަހަކުއްސުރެ އޭނާގެ ހިތުގައި އޮތް ވާހަކައެއް ބުނެލިއެވެ."ނޫން މަންމާ.. އިކާއެއް ދުވަހަކުވެސް ނާންނާނެ.. މިއަންނަ ބުރާސްފަތި ދުވަހުގެ ރޭ އިކާގެ ކައިވެނި އޮތީ.. މަންމާ! ބައްޕާ! އަހަރެންނަށް މާފްކުރޭ.. އަހަރެންނަށް ވަރަށް ގިނަ ދުވަހު މަންމަމެން ހިތުގަ ޖެއްސިއްޖެ.. ހިތް ހިލަކޮށްގެން ލައްކަ ދުވަހު އުޅެވިއްޖެ.. އަހަރެންނަށް މާފްކުރޭ.. އަހަރެންގެ ގަޔަކު އިތުރަށް ކެތްކުރާނެހާ ހިތްވަރެއް ނެތް.. އަހަރެންނަށް ހިތްވަރުދީ.. އަހަރެންނަކީ ފިސާރި ހިތްވަރުގަދަ ފިރިހެނަކަށް ހަދައިދީ.." މާޒް އެތެރެއަށް ވަދެގެން ގޮސް ރަމްޒިއްޔާގެ އުނގުގައި ބޯޖަހައިގެން މުށިތަކު މަތީ އިށީނެވެ. ބޮޑުވެފައިހުރި ފިރިހެން ދަރިއަކު އެގޮތަށް ރޯތަން ފެނުމުން ރަމްޒިއްޔާއަކަށް ކެތެއް ނުކުރެވުނެވެ. އޭނާއަށްވެސް ރޮވިއްޖެއެވެ. މަންސޫރުއަށްވެސް މާޒްގެ ހާލު ފެނިފައި ފެންކަޅިވިއެވެ. އުފަން ދަރިއަކަށް ނުވިނަމަވެސް އޭނާ މާޒް ގެންގުޅުނީ ބައްޕައަކު އުފަން ދަރިއަކުވެސް ގެންގުޅޭނެހާ ލޯބިންނެވެ."ދަރިފުޅާ! ހިތްވަރުކުރޭ.. ކެތްތެރިވޭ.. ދިރިއުޅުމުގަ ވަރަށް ގިނަ ކަންތައްތަކާ ކުރިމަތިލާން ޖެހޭނެ.. އެކަންތައްތަކަށް ކެތްކުރުމަކީ އަހަރެމެން ކުރަންޖެހޭ ކަމެއް.. އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނާނެ ދަރިފުޅާ.." މަންސޫރު މާޒްގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ.**********"މަންމާ! ކުއްލިއަކަށް އަހަރެން ފުރަން ޖެހިއްޖެ.." ރޭގަނޑު ކެއުމުގެ ވަގުތުގައި އައްޒާމް ބުނެލިއެވެ."އެކަމަކު ދަރިފުޅު ބުނީމެއްނު އެއްކޮށް ނިންމާފަ ނޫނީ ނާންނާނަމޭ.. ދެން ކީއްވެ އަނެއްކާ ފުރަން ޖެހުނީ؟" ޒިދުނާ ހައިރާންވެފައި އަހާލިއެވެ."އެއީ ކިޔެވުމުގެ ކަމަކު ނޫނޭ.. މަންމަ ގާތު ބުނީމެއްނު އެކޮޅުގަ އުޅުނުއިރު އަހަރެންގެ ބެސްޓް ފްރެންޑް ހުމާމްގެ ވާހަކަ.. އޭނަގެ ވެޑިންއަށް.. އޭނަ އަހަރެން އަޔަސް ނުދޭން ވަރަށް މަސައްކަތްކުރި.. އެކަމު އަހަރެން އޭނަގެ ވެޑިންއަށް ދާނެކަމަށް ބުނެ ވަޢުދުވެފަ އައީ.. އެހެންވީމަ ދާންވާނެއެއްނު ދޯ.." އައްޒާމް އޮޅުންފިލުވައިދިނެވެ."ދެން އެހާ ކުޑަ ދުވަސްކޮޅެއް އޮއްވާ ކީއްކުރަން ތިއައީ؟ ދަރިފުޅާ! ބައްޕަ ބުނަންތަ ވާހަކައެއް.. ފައިސާ ހުއްޓަކަސް ޚަރަދަށްވެސް ކޮންމެވެސް ވަރަކަށް ބަލާލަންވާނެ.." އާސިފްގެ ވާހަކަ ހުރިގޮތުން އައްޒާމް ވަރަށް ހިތްހަމަނުޖެހުނެވެ. އޭނާ އަބަދުވެސް އާސިފްގެ އެފަދަ ނަސޭހަތްތަކުން ރުޅިއާދެއެވެ. އޭނާގެ ނަޒަރުގައި ފައިސާ ހުރިއްޔާ ވިސްނަންޖެހޭ އެއްވެސް ކަމެއް ނޯންނާނެއެވެ. އޭނާއަށްޓަކައި ފައިސާ ހޯދަން ބައްޕަވެސް އެހުރީ ނޫން ހެއްޔެވެ؟"ބައްޕާ! އަނެއްކާވެސް އެވާހަކަ..""ދަރިފުޅާ! އެވާހަކަ ދައްކަން ޖެހެޔޭ.. މިހާރު ބައްޕަ މި ދައްކާ ވާހަކައަކީ ދަރިފުޅަށް ބޭކާރު ވާހަކައަކަށް ވިޔަސް ފައިސާ ނެތް ދުވަހަކާ ކުރިމަތިލާން ޖެހިއްޖެއްޔާ ދަރިފުޅަށް ވިސްނޭނެ ބައްޕަ މިބުނާ ވާހަކަ.." އާސިފް ބެލީ އައްޒާމްއަށް ވިސްނައިދެވޭތޯއެވެ."އަސްލު ވީގޮތަކީ އޭނަގެ ވެޑިން އޮތީ އަންނަ މަހު.. އެކަމު ކޮންމެވެސް ކަމެއް ދިމާވެގެން ކައިވެނި އަވަސްކުރި ވާހަކަ ބުނީ.. ވަޢުދެއް ވެފަ ވަޢުދު އުވާލާކަށް ނުވާނެއެއްނު ދޯ ބައްޕާ.." އައްޒާމް އެހެން ބުނެލުމުން އާސިފްވެސް އެންމެ ރަނގަޅޭ ބުނެ އެވާހަކަ އޮއްބާލީ ޒުވާބުކުރަން ބޭނުން ނުވާތީއެވެ. އައްޒާމްއަށް ނަސޭހަތުގެ ގޮތުން އެފަދަ ކޮންމެ ވާހަކައެއް ދެއްކިނަމަވެސް އެކަމެއް ނިމޭނީ ޒުވާބަކުންކަން އޭނާއަށް އެނގެއެވެ. އައްޒާމްގެ ވިސްނުން ހުންނަ ގޮތުންނެވެ. ވަގުތު ފާއިތުނުވަނީސް އައްޒާމްއަށް ވިސްނައިދޭން އޭނާ ބޭނުންވެއެވެ."ދެން ކޮންއިރަކުންތަ ފުރަނީ؟" ޒިދުނާ އަހާލިއެވެ."މާދަމާ ހެނދުނު އަށެއްގެ ފްލައިޓުން.."ކައިގެން އައްޒާމް ގޮސް ކޮޓަރިއަށް ވަދެ ތަޅުލިއެވެ. އެއަށްފަހު އޭނާ ލައިގެން ހުރި ޖިންސުގެ ޖީބުން ނެގީ ތަޅުދަނޑިއެކެވެ. އެއީ އައިކާގެ ކޮޓަރި ތަޅުދަނޑިއެވެ."މިރޭ އަންގާލާނަން އަހަރެންގެ އެންމެ އެދުމެއް ފުރިހަމަކޮށް ނުދިނީމަ ވާގޮތް.." އައްޒާމްގެ ހިތުގައިވަނީ ބަދަލު ހިފުމުގެ ރޫޙު އަށަގެންފައެވެ. ދުނިޔޭގައި އޭނާގެ ހުރިހާ އެދުމެއް ފުރިހަމަވަމުން އައިސް އޭނާގެ އެންމެ އެދުމެއް ފުރިހަމަނުވީތީ އެކަން އޭނާއަށް ހަޖަމުނުވީއެވެ.ދަންވަރުގެ ވަގުތެވެ. އައިކާއަށް ނިދެމުން ގޮސް ރަނގަޅަށް ނިދި ހަރުވި ވަގުތު މަޑުމަޑުން ކޮޓަރި ދޮރު ހުޅުވުނެވެ. ކުއްލިއަކަށް އައްޒާމް ކޮޓަރިތެރެއަށް ދެމިގަނެފިއެވެ. އަރާމުކޮށް ނިދާލާފައި އޮތް އައިކާގެ ގާތުގައި އައްޒާމް ހުއްޓުނެވެ. އާދައިގެ މަތިން އައިކާ އޮތީ އޭނާ ނިދަންލާ ތުނި ހެދުން ލައިގެންނެވެ. ފަލަ މަސްގަނޑާއި ހަމައަށް އަންނަ ކުރު ނައިޓީގައި އައިކާ ފެނުމުން އައްޒާމްގެ ހިއްސުތަކުގައި ހުޅު ރޯވިއެވެ. ކުރެވެން މި އުޅެވެނީ ކިހާވަރެއްގެ ކަމެއްކަން ނޭނގޭހާ ބޮޑަށް އޭނާ ވަނީ ބަދަލު ހިފުމުގެ ރޫޙުގައި ބަނދެވިފައެވެ. އޭނާ މަޑުމަޑުން ތިރިވެ އައިކާގެ ތުންފަތުގައި ބޮސްދޭން ފެށިއެވެ. އެވަގުތު އައިކާއަށް ކުއްލިއަކަށް ހޭލެވުނީ ބިރުވެރި ހުވަފެނެއް ފެނިގެން މީހަކަށް ހޭލެވޭފަދަ ގޮތަކަށެވެ. އޭނާގެ ގައިމަތީގައި އޮތް އައްޒާމް ފެނުމުން ހަޅޭއްލަވައިގަންނަން ހުޅުވާލި އަނގަމަތީގައި އައްޒާމް އަތް އެޅިއެވެ.