ރަޝިޔާއާއި ޔޫކްރޭންގެ ހަނގުރާމަ ފެށުނު ފަހުން ޕޮލެންޑުން ޔޫކްރޭނަށް ގާތްގަނޑަކަށް 3.5 ބިލިއަން ޑޮލަރުގެ ހަތިޔާރާއި އަސްކަރީ ސާމާނު ފޯރުކޮށްދީފައިވާ ކަމަށް ޔޫކްރޭންގެ ބޮޑުވަޒީރު ޑެނިސް ޝްމިގަލް ވިދާޅުވެއްޖެ އެވެ.

"ފުލް ސްކޭލް ހަނގުރާމަ ފެށުނު ފަހުން ޕޮލެންޑުން ވަނީ ޔޫކްރޭނަށް ހަތިޔާރާއި ސާމާނު ފޯރުކޮށްދީފަ. މިއީ ގާތްގަނޑަކަށް 3.5 ބިލިއަން ޑޮލަރުގެ އެހީ" ކިއެވްގައި ޕޮލިޝް ބޮޑުވަޒީރު ޑޮނަލްޑް ޓަސްކް އާއި އެކު ބޭއްވި ބައްދަލުވުމުގައި ޝްމިގަލް ވިދާޅުވި އެވެ.

ޝްމިގަލް ވިދާޅުވީ ޔޫކްރޭން-ޕޮލެންޑް ބޯޑަރުގައި އައު ހަތަރު ޗެކްޕޮއިންޓެއް އުފައްދާނެ ކަަމަށެެވެ. އަދި ޕޮލެންޑާ ގުޅިގެން ޔޫކްރޭންގެ އިގްތިސާދީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ނިންމައިފައިވާ ކަަމަށް ވެސް ޝްމިގަލް ވިދާޅުވިއެވެ. މީގެ އިތުރުން ޝްމިގަލް ހުށަހެޅުއްވީ "ކްރަކޯވިޓްސް-ލްވޮވް-ބްރޯޑީ-ރިވްނޭ" ހައިވޭ ހެދުމުގައި ވެސް ޕޮލެންޑް އިން ބައިވެރިވުމަށެވެ.

ޔޫކްރޭންގެ ރައީސް ވްލަޑިމިއާ ޒެލެންސްކީއާ އެކު ހޯމަ ދުވަހު ކުރިއަށް ގެންދިޔަ ޖޮއިންޓް ޕްރެސް ކޮންފަރެންސެއްގައި ޓަސްކް ވިދާޅުވީ ޕޮލެންޑަށް މީގެފަހުން ހިލޭ ޔޫކްރޭނަށް ހަތިޔާރު ނުދެވޭނެ ކަމަށެވެ. އަދި މީގެފަހުން ޕޮލެންޑްއިން ސަޕްލައި ކުރާ ހަތިޔާރު ތަކަށް އަގު ނަގާނެ ކަމަށެވެ.