މާރޗް މަހުގައި ބާއްވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ކުރީގެ އިންތިހާބުތަކާއި ހިލާފަށް ވޯޓް ގުނަން ފަށާނީ ވޯޓްފޮށިތައް ބަންދުކުރާތާ ބައި ގަޑިއިރު ފަހުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ ވޯޓް ފޮށި ބަންދު ކުރާތާ ބައިގަޑި އިރު ފަހުން ވޯޓްފޮށިތައް ގުނަން ނިންމީ އޮފިޝަލުންނަށް ވެސް ރޯދަ ވީއްލުމުގެ ކަންކަން ފަސޭހަ ކުރަން ކަމަށާއި، ފޮށިތައް ގުނަން ފަށާނީ 6:45 ގައި ކަމަށެވެ.

ހަބީބު އިތުރަށް ވިދާޅުވިގޮތުގައި ވޯޓްލާ މީހުންނަށް ވީހާ ވެސް ބޮޑަށް ފަސޭހަކުރުމަށްޓަކައި ވޯޓްލާ ގަޑިއަކަށް ކަނޑައަޅާފައި ވަނީ ހެނދުނު 8:00 އިން ހަވީރު 5:00 އަށް ކަމަށެވެ.

މާރޗް 17 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބާއްވާނީ ރޯދަ މަހުގެ ފުރަތަމަ ހަފުތާތެރޭގައިއެވެ.