ފުލުހުން ތަހުގީގު ކުރަމުންދާ އިތުރު މައްސަލައަކާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.

ރައީސް ޔާމީން ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައި ވަނީ އަންގާރަ ދުވަހުގެ މެންދުރުފަހު 2:00 އަށެވެ. މިކަން އެމަނިކުފާނުގެ ގާނޫނީ ޓީމުގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލް އަހްމަދު ވަނީ ކަށަވަރުކޮށްދެއްވާފަ އެވެ.

ރައީސް ޔާމީނާ ގުޅޭ ދެ މައްސަލައެއް މިހާތަނަށް ފުލުހުން ވަނީ ތަހުގީގުކޮށްފަ އެވެ. އެމަނިކުފާނު މިހާރު ޖަލު ހުކުމް ތަންފީޒު ކުރަމުން ދަނީ ފުރަތަމަ ތަހުގީގު ކުރި މައްސަލައާ ގުޅިގެންނެވެ. ދެވަނަ އަށް ތަހުގީގު ކުރި މައްސަލަ މިހާރު އޮތީ ކްރިމިނަލް ކޯޓުގަ އެވެ.

އިތުރު މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަނީ ކޮން މައްސަލައެއް ކަމެއް އަދި ނޭނގެ އެވެ. ޑރ. ޖަމީލް ތުހުމަތު ކުރެއްވި ގޮތުގައި ސަރުކާރުން އުޅެނީ ރައީސް ޔާމީނާ ދެކޮޅަށް މައްސަލަތަކެއް އުފައްދައިގެންނެވެ.

މިކަމާ ގުޅޭގޮތުން ފުލުހުން އަދި ވަކިއެއްޗެއް ނުބުނެ އެވެ.

ރައީސް ޔާމީން ފުލުސް އޮފީހަށް ހާޒިރުކުރަން އުޅޭއިރު، އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި ކޮންމެ ރެއަކު ޕީޕީއެމް، ޕީއެންސީން އަންނަނީ މާލޭގައި މުޒާހަރާ ކުރަމުންނެވެ.