ރާއްޖޭގައި ކޮންޓްރޯލްކޮށްފައިވާ ޕަރޓޫސިސް ނުވަތަ ހޯއްގޮވާ ކެއްސުމަށް ގއ. ވިލިނގިލިން މިމަހު ތިން ކުއްޖަކު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮތެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވެއްޖެއެވެ.

މިއަދު އެޗްޕީއޭއިން ނެރުނު ބަޔާނެއްގައިވަނީ އެކުދިން ބައްޔަށް ޕޮޒިޓިވްވުމުން، އައިޖީއެމްއެޗްއާއި ގއ. އަތޮޅު ހޮސްޕިޓަލް ގުޅިގެން ކޮންޓެކްޓް ޓްރޭސިން ހަދާފައިވާކަމަށެވެ. އަދި އެ މީހުންގެ ތެރެއިން މާބަނޑު މީހުން ބަނޑަށް ހަ މަސްވެފައިވާ މީހުންނަށާއި 1 އަހަރުން ދަށުގެ ކުދިންނަށް އެންޓައި ބައޯޓިކް ދީފައިވާ ކަމަށެވެ.

މީގެއިތުރުން އެ ބަޔާނުގައި އެޗްޕީއޭއިން ވިދާޅުވެފައިވަނީ ބަލީގެ އަލާމާތަތްތައް ހުރި ފަރާތްތައް ދެނެގަނެ އެ ފަރާތްތަކަށް ބޭސް ދީފައިވާ ކަމަށެވެ.

ހޯއްގޮވާ ކެއްސާ ބައްޔަކީ ނޭވާލާ ނިޒާމުގެ ތެރެއިން ގައިން ގަޔަށް އަރާ ބައްޔެކެވެ. މި ބަލި ބޮޑުވެ, ފުއްޕާމޭގެ އިންފެކްޝަނެއް އުފެދިއްޖެނަމަ ފުރާނައަށް ނުރައްކާވާ ހާލަތަށް ދެއެވެ.

މި ބަލި ޖެހުމުން ނުރައްކާ ބޮޑީ ތުއްތު ކުދިންނަށް ކަމަށާއި އެކުދިންނަށް ވެކްސިން ފުރިހަމަ ކުރުމަށް އެޗްޕީއޭއިން ވަނީ އިރުޝާދުދެއްވާފައެވެ.

ރާއްޖެއިން ނައްތާލެވިފައިވާ ބައެއް ބަލި ދާދި ފަހުން ރާއްޖެއިން ފެނިފައިވެއެވެ. އެގޮތުން ފައިލޭރިއާގެ ކޭސްތަކެއްވެސް ވަނީ ފެނިފައެވެ. އަދި އެ ބަލިން ރައްކާތެރިވުމަށް ގިނަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ.