ހޯއްގޮވާ ކެއްސުން ނުވަތަ ޕަރޓޫސިސްއިން ރައްކާތެރި ވުމަށް ވީހާވެސް އަވަހަށް އެ ބައްޔަށް ދޭ ވެކްސިން ޑޯޒްތައް ފުރިހަމަކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން އިލްތިމާސްކުރައްވައިފިއެވެ.

ހޯއްގޮވާ ކެއްސުމަކީ ރާއްޖޭގައި ކޮންޓްރޯލް ކުރެވިފައިވާ ބައްޔެއްނަމަވެސް، މިމަހު 3 ކުޑަކުއްޖަކު ވަނީ މި ބައްޔަށް ފައްސިވެފައެވެ.

އެޗްޕީއޭ އިން ހާމަކުރި ގޮތުގައި ހޯއްގޮވާ ކެއްސުމުން ރައްކާތެރިކުރުމަށް ރާއްޖޭގައި ޤަވާއިދުން ވެކްސިން ދެއެވެ. އެހެންކަމުން ރާއްޖެއިން ކަނޑައަޅާފައި ވަނީ މިއީ ކޮންޓްރޯލްކުރެވިފައިވާ ބައްޔެއްކަމުގައެވެ. އެހެނެއްކަމަކު މަދުންނަމަވެސް މިބަލީގެ ކޭސްތައް ރާއްޖެއިން ފެންނަމުންދާކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.

މިމަހު ގއ. ވިލިނގިލިން 3 ކުޑަކުދިން މި ބައްޔަށް ފައްސިވެފައިވާ ކަމަށާއި އަދި އެކަމާ ގުޅިގެން އައިޖީއެމްއެޗްއާއި ގއ. އަތޮޅު ހޮސްޕިޓަލާ ގުޅިގެން ބަލި ޖެހިފައިވާ އިތުރު ބަޔަކު ތިބިތޯ ބެލުމަށް ކޮންޓެކްޓް ޓްރޭސިން ކުރިއަށް ގެންގޮސްފައިވާކަމަށާއި، އަދި އެކަމުގެ ތެރެއިން ބަލީގެ އަލާމާތްތައް ހުރި ކުދިންތަކެއް ފާހަގަވެފައިވާކަމަށްވެސް އެޗްޕީއޭ އިން ވަނީ ހާމަކޮށްފައެވެ.

އެޗްޕީއޭއިން ހާމަކުރި ގޮތުގައި ބަލީގެ އަލާމަތް ހުރި ކުދިން ޓެސްޓްކޮށް ބޭސްދީފައިވާކަމަށާއި އަދި ގއ. އަތޮޅު ހޮސްޕިޓަލުން ޚާއްސަ ޓާސްކްފޯހެއް އެކުލަވާލައި ބަލި ކޮންޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

އެޗްޕީއޭއިން ބުނީ ކޮންޓެކްޓް ޓްރޭސިން ހެދުމުގެ އިތުރުން، ބަލި ޖެހުނު ކުދިންނާ ގާތުގައި އުޅުނު އެއް އަހަރުން ދަށުގެ ކުދިންނާއި މާބަނޑު މީހުންގެ ތެރެއިން ބަނޑަށް 6 މަސްވެފައިވާ މީހުންނަށް އެންޓިބަޔޮޓިކް ޕްރޮފައިލެކްސިސް ދީފައިވާކަމަށެވެ.

މި ބަލީގެ ނުރައްކާ ބޮޑީ ކުޑަކުދިންނަށްކަމުން، 7 އަހަރު ނުވާ ކުދިން ބަލިން ރައްޖާތެރިވުމަށް ދޭ ވެކްސިން ވީހާވެސް އަވަހަށް ފުރިހަމަކުރަން އެޗްޕީއޭއިން އިލްތިމާސްކުރައްވައެވެ. އަދި ރަށްރަށުގެ ސިއްޙީ މަރުކަޒުތަކުން ވެކްސިން ޖެހެން ހުންނާނެކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.