އއ. މަތިވެރި ސްކޫލްގެ ދެ ދަރިވަރަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

އެނގިފައިވާ ގޮތުގައި އެ ދެ ކުދިންނަކީ ހޯމް ކަރަންޓީނުގައި ތިބި ބަޔަކާ ކޮންޓެކްޓްވި ކުދިންތަކެކެވެ. ހޯމް ކަރަންޓީނުގައި ތިބި އެ މީހުންގެ އާއިލާގެ ދެ މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އަދި އެ ދެ މީހުންނާ ކޮންޓެކްޓްވެފައިވާތީ އެ ދެ ކުދިން ވެސް ކޮވިޑަށް ޓެސްޓްކުރީ އެވެ.

މޮނިޓަރިންގެ ހާލަތުގައި އޮންނައިރު ޒަރޫރީ ބޭނުމެއްގައި ނޫނީ އެއްވެސް މީހަކު ގެއިން ބޭރަށް ނުކުތުން މަނާވާނެ އެވެ. އަދި އެޗްޕީއޭގެ ހުއްދަ ނެތި އެރަށަށް އަރައި ފޭބުން ވެސް މަނާވާނެ އެވެ.

މަތިވެރީގެ އިތުރުން މިހާރު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ރަށްތަކަކީ ހއ. މުރައިދޫ، އއ. ތޮއްޑޫ، ގއ. ދެއްވަދޫ، ގއ. ދާންދޫ އަދި މ. ކޮޅުފުއްޓެވެ.

ފަހަކަށް އައިސް ކޮވިޑްގެ ކޭސްތައް އަންނަނީ އިތުރުވަމުންނެވެ. ކޭސްތައް އިތުރުވަނީ އެޗްޕީއޭ އިން ނެރެފައިވާ ގައިޑްލައިންތަކާ ޚިލާފަށް އާންމުން އަމަލުކުރާތީ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވަނީ ވިދާޅުވެފަ އެވެ.