އިންގްލިޝް ފުޓްބޯލް ލީގު ކަޕު (އީއެފްއެލް) ސެމީ ފައިނަލުގެ ދެވަނަ ލެގުގައި ޗެލްސީއާ މިޑިލްސްބްރޫ ބައްދަލު ކުރި މެޗު 6-1 ގެ ތަފާތު ބޮޑު ނަތީޖާއިން ކާމިޔާބު ކޮށް ފައިނަލުގެ ޖާގަ ޗެލްސީއިން ކަށަވަރުކޮށްފިއެވެ.
މިމެޗަށް މިޑްލްސްބްރޫއިން ނިކުތީ ސެމީ ފައިނަލުގެ ފުރަތަމަ ލެގު 1-0 ގެ ނަތީޖާއަކުން ކާމިޔާބު ކޮށްގެންނެވެ.
ޗެލްސީގެ ސްޓޭމްފޯޑް ބްރިޖުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފު ޗެލްސީއިން ވަރުގަދަކޮށް ފައްޓާ، 15 ވަނަ މިނެޓުގައި ވަނީ ލީޑު ނަގާފައެވެ. މިގޯލަކީ މިޑްލްސްބްރޫގެ މިޑްފީލްޑާ ޖޯނީ ހޯސަން އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ޗެލްސީއިން ފުރަތަމަ ހާފު ނިންމާލީ އިތުރު ތިން ލަނޑު ޖަހައި ހަތަރު ގޯލުގެ ލީޑަކާއި އެކުގައެވެ.
ދެވަނަ ހާފުގެ 77 ވަނަ މިނެޓުގައި ކޯލް ޕާމާ ވަނީ މެޗުގައި އޭނާގެ ދެވަނަ ލަނޑު ކާމިޔާބު ކޮށް ޗެލްސީގެ ފަސްވަނަ ގޯލު ކާމިޔާބު ކޮށްދީފައެވެ. ޗެލްސީގެ ފަހު ގޯލު ކާމިޔާބު ކުރީ ބަދަލު ކުޅުންތެރިއެއް ގޮތުގައި އެރި ނޯނީ މަޑުއޭކޭއެވެ. މެޗުގެ 88 ވަނަ މިނެޓުގައި މިޑިލްސްބްރޫގެ މޯގަން ރޯޖާސް ވަނީ އެ ޓީމުގެ ފުރަތަމަ އަދި ހަމައެކަނި ލަނޑު ކާމިޔާބު ކޮށްފައެވެ.
ޗެލްސީއިން ފައިނަލުގައި ކުޅޭނީ މިރޭ މެންދަމު ލިވަޕޫލާއި ފުލަމް ބައްދަލު ކުރާ މެޗުން މޮޅުވާ ޓިމަކާއި ދެ ކޮޅަށެވެ.