ޕޯޗްގަލްގައި "ސުނާމީއެއް ފަދައިން" ކޮވިޑް-19 ބަލި ފެތުރޭން ފެށުމާ ގުޅިގެން އެގައުމުން ބޭރުގެ އެހީއަށް އެދިއްޖެއެވެ.

ޕޯޗްގަލް ސަރުކާރުން ބުނެފައިވަނީ، އެގައުމުގައި ކޮވިޑްބަލި ޖެހޭ މީހުންގެ އަދަދު އިތުރުވެ، ބަލީގެ ހާލަތު ބޮޑުވެ ހޮސްޕިޓަލްތައްވެސް ފުރެމުންދާ ކަމަށެވެ.

ޕޯޗްގަލްގެ ކެތޮލިކް ޔުނިވަރސިޓީ އޮފް ޕޯޗުގަލްގެ ރިކާޑޯ ބަޕްޓިސްޓާ ވިދާޅުވެފައިވަނީ، ޕޯޗްގަލްގައި ކޮވިޑް-19 ބަލި ފެތުރެމުންދަނީ ސުނާމީގައި އަރައިގެން އަންނަ ރާޅުތައް ފަދައިން ކަމަށެވެ.

އޭނާ ވިދާޅުވީ، ފާއިތުވީ 3 މަސްދުވަސް ޕޯޗްގަލްގައި ބަލި ދިޔައީ އިތުރުވެ ފެތުރެމުން ކަމަށާއި، އަލަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ކިރިޔާވެސް ދަށްވާން ފެށީ، މީގެ ދެހަފްތާކުރިން ސްކޫލްތައް ބަންދުކޮށް، ހަރުކަށި ލޮކްޑައުންގެ ފިޔަވަޅުތައް އަޅަން ފެށުމުން ކަމަށެވެ.

ޕޯޗްގަލްގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ، ކޮވިޑް ބަލިމީހުންނަށް ފަރުވާދިނުމަށް ގާއިމްކުރި 850 އައިސީޔޫ އެނދުގެ ތެރެއިން މިވަގުތު ހުސްކޮށް ހުރީ އެންމެ 7 އެނދު ކަމަށެވެ.

މިކަމާހެދި، ޕޯޗްގަލް ސަރުކާރުން މިހާރުވަނީ ޖަރުމަނު ސަރުކާރުގެ އެހީއަށް އެދިފައެވެ.

އަދި ޕޯޗްގަލްގެ އެދުމަށް، ޖަރުމަނު ސަރުކާރުގެ ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ، ޕޯޗްގަލްއަށް މެޑިކަލް އެހީ ފޮނުވަން މިހާރު ތައްޔާރުވަމުންދާ ކަމަށެވެ.

ޕޯޗްގަލްއިން ކޮވިޑްބަލި ޖެހުނު މީހުންގެ އަދަދު 711،018 އަށް އަރާފައި ވާއިރު، 12،179 މީހުން މަރުވެފައި ވެއެވެ.

ކޮވިޑްބަލީގެ ހާލަތު ގޯސްވެ، ޕޯޗްގަލްއިން ޖަރުމަނުގެ އެހީއަށް އެދުނުއިރު، ކޮވިޑް ފެތުރުން ހުއްޓުވަން ނުވަތަ ބަލި ފެތުރުން މަދުކުރަން އަޅަމުންދާ ފިޔަވަޅުތަކާ ދެކޮޅު ހަދައި، ޚާއްސަކޮށް ޔޫރަޕްގެ ގައުމުތަކުގެ މަގުތަކަށް ނުކުންނަ މީހުންގެ އަދަދު ގިނަވެ، ބޮޑެތި ހަމަނުޖެހުންތައްވެސް ގެންދަނީ ހިންގަމުންނެވެ.

އެގޮތުން، ބައެއް ގައުމުތަކުގައި ކޮވިޑަށް ޓެސްޓްކުރާ މަރުކަޒުތައްވެސް ހަލާކުކޮށް ބޮޑެތި ގެއްލުންތައްވެސް ދީފައި ވެއެވެ.

މިކަންކަމާހެދި ޔޫރަޕްގެ ބައެއް ގައުމުތަކުގެ ވެރިން މިހާރު ތިއްބެވީ "ބޯގޮވާ" ހިސާބުގައެވެ.