އޭޝިއަން ކަޕުގެ ގްރޫޕު ސީގެ ފަހު މެޗުގައި ހޮންކޮގް އަތުން މޮޅުވެ ފަލަސްތީނުގެ ތާރީޙުގައި އޭޝިއަން ކަޕުަގައި ފުރަތަމަ ފަހަރަށް މޮޅުވެއްޖެއެވެ.

ޤަތަރުގެ އަބްދުﷲ ބިން ޚަލީފާ ސްޓޭޑިއަމްގައި ކުޅުނު މެޗަށް ނިކުތް އިރު ދެ ޓީމުން ކުރެ އެއްޓީމަކަށް ވެސް މުބާރާތުގައި މޮޅު ވެވިފައެއް ނުވެއެވެ.

ފުރަތަމަ ހާފުގައި ފަލަސްތީނު ވަނީ މެޗު ކޮންޓޮރޯލް ކޮށް ރަނގަޅު ކުޅުމެއް ދައްކާ، މެޗުގެ 12 ވަނަ މިނެޓުގައި ލީޑު ނަގާފައެވެ. މި ގޯލް ޖެހީ މުސްއަބް އަލްބަތާތު ފަހި ކޮށްދިން ފުރުސަތަކުން އޮޑޭ ދައްބާހެވެ. 48 ވަނަ މިނެޓުގައި ޒައިދު ގުންބަރު ކާމިޔާބު ކުރި ލަނޑާއެކު ފަލަސްތީނުން ވަނީ ލީޑު ފުޅާކޮށްފައެވެ. 60 ވަނަ މިނެޓުގައި މުސްއަބު އޭނާގެ ދެވަނަ ލަނޑު ޖަހައި ފަލަސްތީނުގެ ލީޑު ތިން ގޯލަށް އިތުރުކުރިއެވެ. މެޗުގެ ނުވަ ދިހަ މިނެޓު ހަމަވެ ކުޅުނު އިތުރު ވަގުތުގައި ހޮންކޮންގް އަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. ނަމަވެސް ހޮންކޮންގްގެ އެވަޓޮން ކަމާގޯ އަށް ވަނީ ޕެނަލްޓީ ކާމިޔާބު ނުކުރެވިފައެވެ.

މިމެޗަށް ނިކުތުމުގެ ކުރިން ފަލަސްތީނުގެ ކުޅުންތެރިން ވަނީ އިޒްރޭލުގެ ހަމަލާތަކުން އެގައުމަށް ކުރިމަތިވެފައިވާ ކަންކަމާއި ބެހޭ ގޮތުން ހިތާމަ ފާޅުކޮށްފައެވެ. ރިޕޯޓުތަކުން އަންގާ ގޮތުގައި ފަލަސްތީނުގެ ބައެއް ކުޅުންތެރިންގެ އާއިލާ މެމްބަރުން ވަނީ އިޒްރޭލުގެ ހަމަލާތަކުގައި ޝަހީދުވެފައެވެ.