ކޮވިޑް-19 ވެކްސިން ޖެހުމާ ދެކޮޅު ހަދާބަޔަކު މުޒާހަރާކޮށް، އެމެރިކާގެ ލޮސް އެންޖެލީސްގައި ވެކްސިން ޖަހަމުންދިޔަ ސެންޓަރެއްގެ މަސައްކަތް ހުއްޓުވައިފިއެވެ.

މުޒާހަރާ ކުރާ މީހުން އެއްވެފައިވަނީ، ލޮސް އެންޖެލީސްގައި އާންމުންގެ ގަޔަށް ވެކްސިން ޖަހަމުން ގެންދިޔަ ޑޮޖަރ ސްޓޭޑިއަމް ސަރަހައްދަށެވެ. ޑޮޖަރ ސްޓޭޑިއަމަކީ އެމެރިކާގައި ކޮވިޑް ވެކްސިން ޖަހައިދެމުން ގެންދާ އެންމެބޮޑު އެއް މަރުކަޒެވެ.

އެތަނުން ދުވާލެއްގެ މައްޗަށް 12،000 މީހުންނަށް ވެކްސިން ޖަހައިދެމުން ގެންދެއެވެ.

ސްޓޭޑިއަމްގެ ކައިރިއަށް މީހުން އެއްވެ މުޒާހަރާ ކުރުމުގެ ސަބަބުން ވެކްސިން ޖެހުމުގެ މަސައްކަތް ހުއްޓުމަކަށް ގެންނަން ޖެހުނު ކަމަށް ރިޕޯޓްތައް ބުނެއެވެ.

ވެކްސިން ޖެހުމާ ދެކޮޅަށް އެމެރިކާގައި މުޒާހަރާ ކުރަމުންދާ މީހުން ބުނަނީ، ވެކްސިން ޖެހުމަކީ، ވެރިކަމުގެ މަތީފަޑީގައި ތިބި ނުފޫޒުގަދަ ފަރާތްތަކުން އެމެރިކާގެ ރައްޔިތުންގެ މައްޗަށް އެމީހުން ބާރާއި ނުފޫޒު ހިންގުމަށް، ނުބައި ރޭވުމެއްގެ ދަށުން ކުރާ ކަމެއް ކަމަށެވެ.

މުޒާހަރާ ކުރާ މީހުން ސްޓޭޑިއަމްގެ ދޮރުމައްޗަށް އެއްވީ، ތަފާތު ޝުއޫރުތައް ލިޔެފައިވާ ބޯޑުތައް ހިފައިގެންނެވެ. އޭގައި ލިޔެފައިވަނީ، ކޮވިޑް ވެކްސިންޖެހުން ވަގުތުން ހުއްޓާލުމަށާއި، އެމީހުން ވެކްސިން ޖެހުމާ ކަނޑައެޅިގެން ދެކޮޅު ކަމަށެވެ.

އަދި، މިއީ ރޭވުމެއްގެ ދަށުން ކުރާ ކަމެއް ކަމަށާއި، އާންމުން ވެކްސިން ނުޖެހުމަށްވެސް ބޯޑުތަކުގައި ލިޔެފައި ހުއްޓެވެ.

މުޅި ދުނިޔެއަށް ބަލާއިރުވެސް ކޮވިޑް-19 ބަލީގެ ހާލަތު އެންމެ ބޮޑަށް ގޯސްވެފައިވާ ގައުމަކީ އެމެރިކާއަށް ވާއިރު، ބަލީގައި އެންމެ ގިނަމީހުން މިހާތަނަށް މަރުވެފައިވަނީވެސް އެމެރިކާއިންނެވެ.

ބަލި ކޮންޓްރޯލްކޮށް ހުއްޓުމަކަށް ގެނެވެންއޮތީ ވެކްސިން ޖަހައިގެން ކަމަށް އެމެރިކާގެ މަސްއޫލުވެރިން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި ނަމަވެސް، އެމެރިކާގެ އާބާދީގެ ބޮޑުބައެއް އަދިވެސް ވެކްސިން ޖެހުމާ ދެކޮޅެވެ.

ވެކްސިން ޖަހާ މަރުކަޒެއްގެ މަސައްކަތަށް ބަޔަކު ހުރަސްއެޅިއިރު، މިފަދަ ހާދިސާތައް ކުރިންވެސް ހިނގާފައި ވެއެވެ.

ކޮވިޑް ބަލީގެ ހާލަތު ކިތަންމެ ގޯސްވެގެން ދިޔަނަމަވެސް، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް މާސްކް އަޅުއްވަންވެސް ދެކޮޅު ހައްދަވަމުން ގެންދެވިއިރު، ލޮސް އެންޖެލީސް ޑެއިލީ ނިއުސްއިން ބުނެފައިވަނީ، ވެކްސިން ޖެހުން ހުއްޓުވަން މަސައްކަތްކުރި މީހުންނަކީވެސް ޓްރަމްޕްގެ ސަޕޯޓަރުން ކަމަށެވެ.

އެމީހުން ތިބީ މާސްކްވެސް ނާޅައެވެ.