އިންގްލިޝް ފުޓްބޯލް ލީގު ކަޕު (އީއެފްއެލް)ގެ ސެމީ ފައިނަލުގެ ދެވަނަ ލެގުގައި ފުލަމް އަތުން އެއްވަރުކޮށް ފައިނަލުގެ ޖާގަ ލިވަޕޫލުން ކަށަވަރުކޮށްފިއެވެ.
ފުލަމްގެ ކްރޭވެން ކޮޓޭޖްގައި ރޭގައި ކުޅުނު މެޗަށް ލިވަޕޫލުން ނިކުތީ ސެމީ ފައިނަލުގެ ފުރަތަމަ ލެގު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްގެންނެވެ.
ފުރަތަމަ ހާފު ފެށިގެން ލިވަޕޫލުން ވަނީ ރަނގަޅު ކުޅުމެއް ދައްކައި، 12 ވަނަ މިނެޓުގައި ލީޑު ނަގާފައެވެ. މި ގޯލު ކާމިޔާބުކުރީ ލިވަޕޫލުގެ ޒުވާން ޑިފެންޑާ ޖަރެލް ކުއަންސާ ފަހިކޮށްދިން ފުރުސަތަކުން ލުއިސް ޑިއާޒެވެ. މި ގޯލާއެކު ފުރަތަމަ ހާފު ނިމިގެން ދިޔައީ ލިވަޕޫލު އެއް ލަނޑު ސުން ލަނޑުން ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ތަފާތު ކުޅުމެއް ދެއްކި ފުލަމްއިން ވަނީ މެޗުގެ 76 ވަނަ މިނެޓުގައި ގޯލެއް ޖަހައި މެޗު އެއްވަރުކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ހެރީ ވިލްސަން ހުރަސްކޮށްދިން ބޯޅައަކުން މޫސާ ޑިއޮޕެވެ. މި ލަނޑާއެކު ފުލަމްއިން ވަނީ މެޗުގެ ކޮންޓްރޯލު ނަގައި ނުރައްކާތެރި ބޯޅަ ތަކެއް ލިވަޕޫލުގެ ގޯލަށް އަމާޒުކޮށް ފޮނުވާލާފައެވެ. ނަމަވެސް ލިވަޕޫލުގެ ޒުވާން ގޯލްކީޕާރ ކުއީވިން ކެލަހާ ވަނީ ހުށިޔާރުކަމާއެކު އެހުރިހާ ހަމަލާއެއް މަތަކޮށްފައެވެ.
3-2 ގެ އެގްރިގޭޓް ނަތީޖާއިން ސެމީ ފައިނަލް ކާމިޔާބު ކުރި ލިވަޕޫލް އީއެފްއެލް ކަޕުގެ ފައިނަލުގައި ނިކުންނާނީ ޗެލްސީއާ ދެކޮޅަށެވެ.