ކޮޕާ ޑެލްރޭގެ ކުއާޓާ ފައިނަލުގައި އެތުލްޓިކު ބިލްބާއޯ އަތުން 4-2 އަކުން ބަލިވެ ބާސެލޯނާ ކޮޕާ ޑޭލްރޭއިން ކަޓައިފިއެވެ.

ބިލްބާއޯގެ ސޭން މަމޭސް ސްޓޭއިމުގައި ކުޅުނު މެޗުގެ ފުރަތަމަ މިނެޓުގައި އެތުލްޓިކް ބިލްބާއޯއިން ވަނީ ލީޑު ނަގާފައެވެ. މި ގޯލު ކާމިޔާބުކޮށްފައިވަނީ އެތުލްޓިކް ބިލްބާއޯގެ ސްޕެނިޝް ސްޓްރައިކަރ ގޮރްކާ ގުރުޒެޓާއެވެ. މެޗުގެ 26 ވަނަ މިނެޓުގައި ބާސާގެ ތަޖުރިބާކާރު ސްޓްރައިކަރު ރޮބާޓް ލެވެންޑޯވްސްކީ ވަނީ ލަނޑުޖަހައި މެޗު އެއްވަރުކޮށްފައެވެ. އޭގެ ހަ މިނެޓު ފަހުން ބާސާގެ ޒުވާން ތަރި ލަމީން ޔަމާލް ކާމިޔާބު ކުރި ގޯލާއެކު ބާސާ ވަނީ މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގާފައެވެ. ނަމަވެސް މެޗުގެ 49 ވަނަ މިނެޓުގައި އެތުލްޓިކް ބިލްބާއޯއިން ކާމިޔާބު ކުރި ލަނޑާއެކު ދެ ޓީމުން އެއްވަރުވެ މެޗު ވަނީ އެކްސްޓްރާ ޓައިމަށް ގޮސްފައެވެ.

އެތުލެޓިކް ބިލްބާއޯއިން ވަނީ އެކްސްޓްރާ ޓައިމުގެ ފުރަތަމަ ހާފު ނިމެނިކޮށް މެޗުގައި ދެވަނަ ފަހަރަށް ލީޑު ނަގާފައެވެ. އެކްސްޓްރާ ޓައިމުގެ ދެވަނަ ހާފުގައި ނީކޯ ވިލިއަމްސް ކާމިޔާބު ކުރި ލަނޑާއެކު އެޓީމު ވަނީ ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފައެވެ.

އެތުލެޓިކު ބިލްބާއޯއިން ދެން ނިކުންނާނީ ލީގުގައި ކަޑިޒްއާ ދެކޮޅަށެވެ. މުބާރާތަށް އަލްވަދާއުކި ބާސެލޯނާ ދެން ކުޅޭނީ ލީގުގައި ވިލަރިއާލްއާ ދެކޮޅަށެވެ.